ދިރާސީ އައު އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އަންނަ މަހުގެ 10ގެ ކުރިން ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަށް ޓެކްސްޓް ފޮތް ފޮނުވާފައިވާކަން ފާހަގަކޮށް މިނިސްޓަރު ވަނީ އަންނަ މަހުގެ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތް ފޮނުވާ ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހާރު ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީގެ ވައުޗަރުތައްވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދިރާސީ އައު އަހަރު ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ އާއި ވަނީ ހަވާލުކޮށްފައެވެ. ކޫލް ސްކޫލު ޕްރޮޖެކްޓަކީ ސްކޫލްތައް ފިނިކުރުމުގެ ގޮތުން ސްކޫލުތަކުގައި އޭސީ ހަރުކުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއަކަށްވާއިރު، ކްލާސް ރޫމްތައް އޭސީ ކުރާ އިރު، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމުގެ މިޑް ބްރޭކްއަކީ މެއި މަހުގެ 24 އިން 30 އަށެވެ.
