ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުވާ މިންވަރަށް ރާއްޖޭގެ ކަންކޮޅުތަކަށް ވައި ނުސާފު ކަމަށް ވައިގެ ކޮލިޓީ ބަލާ އާލާތްތަކުން ދައްކައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނެފައި ވަނީ, ވައިގެ ނުސާބުކަން ބޮޑު ސަރަހައްދުތަކުގައި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށް ވެސް ބޮޑު ކަމަށެވެ. އަދި ނާޒުކު ހާލަތުގައި ވާ ފަރާތްތަކާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މީގެ އިތުރުން ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު އަދި ނާޒުކު ހާލަތުގައި ވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވާން ޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.
"ވައި ސާފު މިންވަރު ހުންނަ ވަރު ގަވާއިދުން ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވޭ. ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ލިންކް އިން ބޭނުން ކުރެވޭނެ" އެޗްޕީއޭއިން ބުނެފައި ވެއެވެ.
ރާއްޖޭގެ ބައެއް އިދާރާތަކުގައި އެއާ ކޮލިޓީ މޮނިޓަރުތައް ބަހައްޓާފައި ހުންނަ އިރު, މިއަދުގެ ހާލަތު އެ މޮނިޓަރުތަކުން ވަނީ ދެނެގަންފައެވެ. އެގޮތުން ވައިގެ ކޮލިޓީ މިންކުރާ ހަމައިން އެ މޮނިޓަރުތަކުން ބުނެފައި ވަނީ މާލެ ސަރަހައްދުގައި ވައިގެ ކޮލިޓީ ހުރީ 170 ގައި ކަމަށެވެ.
އެއީ 'ރަތް' ދަރަޖައެވެ. 151-200 އާ ދެމެދަށް އަރައިފިނަމަ 'ރަތް އެލާޓް', 101-150 އާ ދެމެދު ނަމަ 'އޮރެންޖް އެލާޓް' އަދި 51-100 އާ ދެމެދު ނަމަ 'ރީނދޫ އެލާޓް' ނެރެއެވެ.
ވައިގެ ކޮލިޓީ ބަލާ ރިއަލްޓައިމް އެޕްލިކޭޝަން 'އައިކިއުއެއާ.ކޮމް އިން މިވަގުތުވެސް ދައްކަނީ, މާލެ ސަރަހައްދުން ފެށިގެން ގޮސް ދ. ކުޑަހުވަދޫ އާ ހަމައަށް 'ރަތް' ކޮށެވެ. އަދި މާދަމާ ގެ ނިޔަލަށް ވައިގެ ނުސާފުމިން އޮރެންޖާ ހަމައިގައި ހުންނާނެ ކަމަށާއި ވައި ސާފުވާން ފަށާނެ ކަމަށް ދައްކާފައި ވަނީ ބުދަދުވަހުން ފެށިގެންނެވެ. ބުދައިން ފެށިގެން 'ރީނދޫ' ވަމުން ދާއިރު, މުޅި ރާއްޖޭގެ ވައިގެ ސާފުމިން ފެންނަނީ މިގޮތަށެވެ.
އާންމުކޮށް ރާއްޖެއަށް ވައި ނުސާފުވާ މޫސުންތަކުގައި އެކަން އެންމެ ބޮޑަށް ދިމާވަނީ އިންޑިއާ އާއި ޕާކިސްތާން އަދި އަފްގާނިސްތާން ބެދޭ ހިސާބުގައި ހުންނަ ހިމަލަޔާ ފަރުބަދަތަކާ ހިސާބުން ފެށިގެން އަންނަ 'ހޭޒް' ގެ ވިޅާގަނޑުތައް ރާއްޖޭގެ މައްޗަށް އަރަމުން ދިޔުމުގެ ސަބަބުންނެވެ. މި މޫސުންތަކުގައި އިންޑިއާގެ އެކި ހިސާބުތަކާއި ޕާކިސްތާނުގެ އެކި ސަރަހަހައްދުތަކަށް އޮންނަނީ 'ރެޑް' އެލާޓް ނެރެފައެވެ.
ޖައްވަށް ދޫކުރާ ވިހަ ގޭސް އެންމެ ގިނައިން ދޫކުރާ އެއް ގައުމުގެ ގޮތުގައި އިންޑިއާ ހިމެނޭ އިރު, ދުނިޔޭގެ ބޮޑެތި ގައުމުތަކަކީ މިލިސްޓުގައި ހިމެނޭ ގައުމުތަކެވެ.
ވެހިކަލްތަކާއި ތެޔޮ ކާރުހަނާތަކާއި ކުނިބުންޏާއި އޭތި މީތި އެންދުމުގެ ސަބަބުން ޖައްވަށް އަރައިގެން ދާ ވިހަ ދުމަކީ ވައި ނުސާފުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބެކެވެ.
އުތުރު އިންޑިއާ ސަހަރައްދުން އަންނަ 'ހޭޒް' ނުވަތަ ފުސްކަމުގެ އަސަރު ކޮށް އޭގެ ގެއްލުން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ކުރަމުން ދާއިރު, މޫސުމާ ބެހޭ ބައިނަލްއަގުވާމީ އެތައް ފޯރަމެއްގައި ރާއްޖެއިން ގެންދަނީ މި މައްސަލަ ފާހަގަ ކޮށް ހައްލު ހޯދުމަށް ވަކާލާތު ކުރަމުންނެވެ.
ހާއްސަކޮށް އިރުވައި މޫސުމާ ދިމާވެ ރާއްޖެއަށް އަންނަ މި ތަޣައްޔަރު ވައި ނުވަތަ ފުސްކަމުގައި ހިމެނެނީ ހިރަފުހާއި ކާރުހާނާތަކުން އަރުވާ ނުސާފު ދުމެވެ.
ނޭވާލާ ނިޒާމާއި ފުއްޕާމޭގެ އެކިއެކި ބަލިތަކަށް ހުށަހެޅިގެން ދިޔުމުގެ ނުރައްކާ ބޮޑުވަނީ ވައިގައި އެކުލެވޭ ވިހައިގެ ސަބަބުންނެވެ.
