މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ރިސްކް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުން އައްޔަންކޮށް، އެ މުވައްޒަފުންނަށް ހާއްސަ އެވެއާނަސް ސެޝަނެއް މިއަދު ބާއްވައިފިއެވެ.
މީރުމާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ރިސްކް ޗެމްޕިއަނުންނަށް އެވެއާނަސް ސެޝަން ނަގައިދެއްވީ އެސިސްޓަންޓް އޮޑިޓާ ޖެނެރަލް އިބްރާހީމް ފަޒީލެވެ. މި ސެޝަންއަށްފަހު، ރިސްކް ޗެމްޕިއަނުންނަށް އައްޔަންކުރި މުވައްޒަފުންނަށް ބެޖާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް ރިސްކް އޮފިސާ (ސީއާރްއޯ) އިބްރާހީމް ރަޝީދު ވިދާޅުވީ ޕޯޓްތަކަކީ އެންމެ "ހައި ރިސްކް" މަސައްކަތުގެ މާހައުލެއް އޮތް ދާއިރާ ކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި މަސައްކަތުގެ މާހައުލު އޮތް ގޮތުން މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަކަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ކުންފުނީގެ ރިސްކް މެނޭޖްމަންޓް މަސައްކަތުގައި ރިސްކް ޗެމްޕިއަނުންނަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ބައެއް ކަމަށެވެ. އެގޮތުން ރިސްކް ޗެމްޕިއަނުންނަކީ ހަމައެކަނި ރިސްކް ރެޖިސްޓްރީތައް ބަލަހައްޓައި ލިޔެކިއުންތައް ހަމަކުރާ ބައެއްގެ ގޮތުގައި ނުތިބެ ރިސްކް އިންފްލުއެންސާސްގެ ދައުރު އަދާކޮށް، އަމަލީ ގޮތުން ރިސްކްގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެ ބަޔަކަށްވުމަށް ރަޝީދު ވަނީ ގޮވާލައްވާފައެވެ.
އެމްޕީއެލްއިން ފާހަގަކުރި ގޮތުގައި ރިސްކް ޗެމްޕިއަނުންނަކީ ކުންފުނީގެ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް ވަރުގަދަކޮށް، ކުންފުނީގައި ރިސްކްތަކަށް ސަމާލުކަންދޭ ހޭލުންތެރި މުވައްޒަފުންތަކެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މުވައްޒަފުންތަކެކެވެ.
އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ ކޮންމެ ޑިޕާޓްމަންޓަކުންވެސް ރިސްކް ޗެމްޕިއަނެއް އައްޔަންކޮށްފައިވާ ކަމަށެވެ. އެ މުވައްޒަފުންނަކީ ކުންފުނީގެ ރިސްކް އެންޑް ކޮމްޕްލައިއަންސް ޑިޕާޓްމަންޓާ ގުޅިގެން، ކުންފުނީގައި ރިސްކް މެނޭޖްކުރުމަށް އަހުލުވެރި މުވައްޒަފުންތަކެއް ބިނާކުރުމަށް މަސައްކަތްކުރާނެ ބައެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮންމެ ޑިޕާޓްމަންޓަކުންވެސް ކުރަމުންދާ މަސައްކަތްތަކުގައި ހުރި ރިސްކްތައް ދެނެގަނެ، ރިސްކްތައް ކުޑަކުރުމަށް ރިސްކް ޗެމްޕިއަނުން މަސައްކަތްކުރާނެ ކަމަށް ވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.
