ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ފޭސް 3 އާ ފަރުކޮޅުފުއްޓާ ގުޅުވާލައިފިއެވެ.

އެމްއޭސީއެލްއިން ބުނީ ހުޅުމާލެ ފޭސް 3އިން ހިއްކުމަށް ނިންމާފައިވާ 63 ހެކްޓަރު ބުމުގެ ތެރެއިން 40 ހެކްޓަރު ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ.

އެއާއެކު ފޭސް 3 ބިން ހިއްކުމުގެ މަޝްރޫއުގެ ޖުމްލަ މަސައްކަތުގެ 63 ޕަސެންޓް ނިމިފައިވާކަން އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެމްއޭސީއެލްއިން ދަނީ ބިން ހިއްކުމަށް 2 ޑްރެޖަރު ބޭނުންކުރަމުންނެވެ. އެއީ ކެޕޭސިޓީގައި 22،000 ކުބިކް މީޓަރު ހުންނަ 2 ޑްރެޖަރެވެ.

އެމްއޭސީއެލްއިން ފޭސް 3 ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ފޭސް 3 ބިން ހިއްކުމުގެ މަސައްކަތް މި މަހު ފަހުކޮޅު ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެ ފޭސް 3 ބިން ހިއްކާ ސަރަހައްދު ފާހަގަކުރުމަށް ބަންޑްލް ވޯލް ޖެހުމާއި އީއައިއޭ އަދި އެހެނިހެން ކަންކަން ނިމުމާއެކު ގިރާވަރު ފަޅުގައި ހިއްކާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.