ވަކި ޝަރުތުތަކެއް ހަމަވާ ބިދޭސީންނަށް "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް"ގެ ދަށުން "ލީގަލައިޒް"ވުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 2 ވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ ކަމަށް ހޯމް މިނިސްޓްރީއިން ބުނެފިއެވެ.

މާސް ލީގަލައިޒޭޝަން ޕްރޮގްރާމްއަކީ ދިވެހިރާއްޖެގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްއެކެވެ.

މާސް ލީގަލައިޒޭޝަން ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭ ބިދޭސީންގެ ޝަރުތުތައް:

  • ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވުން
  • އެއްވެސް ސަބަބަކާހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން
  • ދިވެހިރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުން
  • ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށް ނުވުން
  • ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން
  • އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން
  • މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެްއ ކަމުގައިނުވުން

ހޯމް މިނިސްޓްރީއިން ބުނީ ޝަރުތުތަށް ހަމަވާ، ވަޒީފާ ދޭނެ ފަރާތެއް ހުރި ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް ވަޒީދޭ ފަރާތުން ކަމަށެވެ. އަދި ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒާ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 1485 ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ލިބޭނެ ކަމަށް ހޯމް މިނިސްޓްރީއިން ބުނެފައިވެއެވެ.