ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބައެއް މީހުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުން ދާތީއާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅެމުންދާކަން ފާހަގަވެ ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ދާދި ދެންމެ އެފްބީގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާ ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ދަންނަވާފައި ވާނެ ކަމަށެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި 240،000 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެއެވެ. އޭގެ ތެރޭގައި އާންމު މަސައްކަތު ކެޓަގަރީ ނުވަތަ ލޭބަރުންގެ ގޮތުގައި 200،000 އެއްހާ މީހުން ދިރިއުޅެއެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކީ، ރާއްޖެ އެތެރެ ވުމަށް ފަހު ސައްހަ ލިޔެކިޔުން ނަގާލައި ނުވަތަ ގަސްދުގައި ފޮރުވައިގެން، ނިޒާމަށް ފިލައިގެން އުޅޭ މީހުންނެވެ.

ދާދި ފަހުން އިމިގްރޭޝަނުން އާންމު ކުރި ތަފާސް ހިސާބަށް ބަލާއިރު، ދިވެހިންގެ ވޮޔަފާރީގެ ތެރެއަށް ގަވައިދާ ހިލާފަށް ވަދެ ވިޔަފާރި ހިންގަމުން ދިޔަ 38 ތަނެއް ބަންދު ކޮށްފައި ވެއެވެ.

ގިނަ އަދަދަކަށް ބިދޭސީން އުޅެމުން ދާ މާލެ ސަރަހައްދުގައި ރޭގަނޑު 12 ގެ ފަހުންނާއި އަދި ދަންވަރާއި ފަތިހުގެ ވަގުތުތަކުގައި ވެސް ބިދޭސީން މަގުތަުގައި ހަރަކާތްތެރިވެއެވެ.

ހޮޓާ ރެސްޓޯރަންޓްތައް ބަންދު ކުރާ އާންމު ގަޑިއަކީ ރޭގަނޑު 12 ނަމަވެސް، 1 ޖަހާއިރުވެސް ބަންދު ނުކުރާ ހޮޓާތައް ގިނައެވެ. ހަމައެހެންމެ 24 ގަޑިއިރު ހިދުމަތް ދޭ ތަންތަންވެސް އެބަހުއްޓެވެ. މިއިން ކޮންމެ ތަނަކީ ބިދޭސީން މަސައްކަތް ކުރާ ތަންތަނުގެ އިތުރުން ބިދޭސީން ގޮސް އުޅެވާ ތަންތަނެވެ.