އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ކުރިއަށް ގެންދާ 'އެސްޓީއޯ ރަމަޒާން ބާޒާރު' ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ރަސްމީކޮށް ފެށާފައިވަނީ ރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

އެސްޓީއޯއިން ބުނީ މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ އަންނަ މާޗު މަހު 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި އަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

500 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ޑިޖިޓަލް ކޫޕަނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ކޮންމެ ހަފްތާއަކުވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން 1 ފަރާތަކަށް ވަރަށް ހާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ނިމުމާއިއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށެވެ.

މި އަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށްދާނެއެވެ.