ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި ވިޔަފާރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން 10 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ލިބިފައިވާ ހެކި ގަރީނީއަށް ރިއާޔަތްކުރުމަށްފަހު 10 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ދައުވާކުރުމަށް ހުށަހަޅާފައިވަނީ:
- މުހައްމަދު ވަހީދު - ދިގަލި، ބ. އޭދަފުށި
- އަހްމަދު އާރިފް - މއ. އެވަގްލޯރީ
- މުއާޒު އަލީ - ހ. ނިއުހެޕިނަސް
- ޒިވާރު އިސްމާއީލް -މެދުރީގެ، ހދ. ވައިކަރަދޫ
- އަހްމަދު ޝަހީމް - ނޫރަލީގެ، ހދ. ވައިކަރަދޫ
- އަހްމަދު ފިރުސާން - ، ހ. ރުމޭނިޔާ،
- ހުސައިން ސާމިހު - ޗާނދަނީގެ، ސ. ހިތަދޫ
- އާދަމް ވަހީދު - ކެނެރީގެ، ނ. މިލަދޫ
- ހަސަން އަބްދުއްރަހްމާން - ލިންކް، ކ. ތުލުސްދޫ
- މުހައްމަދު އަލަމިން މިއާ - ބަނގުލަދޭޝް
މި މައްސަލައާ ގުޅިގެން އަހުމަދު އާރިފް (އާއްޓޭ)، މުހައްމަދު ވަހީދު އަދި މުއާޒުގެ މައްޗަށް ކުރަނީ ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އަދި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ޒިވާރު އިސްމާއީލް، އަހްމަދު ޝަހީމް އަދި އަހްމަދު ފިރުސާންގެ މައްޗަށް ކުރަނީ ވައްކަންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.
ހުސައިން ސާމިހު އަދި އާދަމް ވަހީދުގެ މައްޗަށް ވައްކަންކުރުމުގެ ކުށުގެ ދައުވާ އުުފުލާފައިރު، ހަސަން އަބްދުއްރަހްމާން އަދި މުހައްމަދު އަލަމިން މިއާގެ މައްޗަށް އުފުލާފައިވަނީ ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ ބައި އަނބުރާ ފުލުހުންގެ ހިދުމަތަށް ފޮނުވާލާފައިވަނީ އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާ ކަމަށް ނުފެންނާތީ ކަމަށެވެ.
މި މައްސަލާގައި ވައްކަން ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ މީހުން ކުށުގެ އަމަަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނެކަން ޕީޖީ އޮފީހުން ވަނީ ފާހަަގަކޮށްފައެެވެ. މި ދައުވާތަށް ސާބިތުވާ ހާލަތުގައި ކުށުގެ އަމަލުގެ ޒާތާއި ބާވަތާއި ހައްސާސްކަމަށް ރިއާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
