ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށްޓަކައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އިން ރާއްޖެއަށް 400،000 ޑޮލަރު (6.2 މިލިޔަން ރުފިޔާ) ގެ ހިލޭ އެހީއެއް ދީފިއެވެ.

މިމަހުގެ 13 އިން 14އަށް ކުރުނބާ ރިސޯޓްގައި ބޭއްވި މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް)ގައި ގައުމުތަކުން ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެކިގޮތްގޮތުން އެހީތެރުވެދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

އެގޮތުން މި ފޯރަމްގައި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ހަދިޔާކުރި 400،000 ޑޮލަރަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް ޕްރޮގްރާމުގެ ތެރެއިން ދީފައިވާ ހިލޭ އެހީއެކެވެ.

ހެލްތް މިނިސްޓްރީން ބުނީ މި އެހީގެ ދަށުން ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމާ ސިއްހީ މަރުކަޒުތަކާ، ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި ރިފަރަލް ސިސްޓަމްތައް ހަރުދަނާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިންސާނީ ވަސީލަތް ބިނާކުރުމާއި ހެލްތު އިންފޮމޭޝަން ސިސްޓަމްތައް ހަރުދަނާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ސިއްހީ ދައިރާއަށް ކުރިމަތިވާ ގޮތްޖެހުންތަކަށްވެސް މި އެހީގެ ދަށުން ހޭދަކުރުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މޯލްޑިވްސް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމްގައި ރާއްޖެ އާއި ރާއްޖޭން ބޭރުން 100 އަށްވުރެ ގިނަ ބައިވެރިން އަމަލީ ގޮތުން ވަނީ ބައިވެރިވެފައެވެ.