އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި، ޓީޗަރެއްގެ ދެމެދުގައި ހިނގި މާރާމާރީ އާއި ގުޅިގެން ދަރިވަރުވެސް ސަސްޕެންޑުކޮށްފިއެވެ.

އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި، ޓީޗަރެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ސޯޝަލް މީޑިއާއަށް ތިލަވެގެން ދިޔަ އިރު، އެ މައްސަލައާ ގުޅިގެން ވަނީ އެ ޓީޗަރު ސަސްޕެންޑް ކޮށްފައެވެ.

އެ ސްކޫލްގެ ގްރޭޑް 12 ގެ ބީޓެކް ކްލާހެއްގައި ހިނގާފައިވާ މި މާރާމާރީއާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ މައްސަލައާއި ގުޅިގެން ދަރިވަރު ސަސްޕެންޑްކޮށްފައިވަނީ ބިހޭވިއާ މޮޑިފިކޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރާ ގޮތަށް ކަމަށެވެ. އަމިއްލައަށް މާފަށް އެދި އަހުލާގީ ޕްރޮގްރާމެއްގައި ބައިވެރިވާ ގޮތަށް ސަސްޕެންޑް ކުރިއިރު އެ ޕްރޮގްރާމަކީ ދަރިވަރު ފުރިހަމަ ކުރަން މަޖުބޫރު ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ އެ ކުލާހުގެ ކުދިންތަކެއް ޓީޗަރަށް ގަނާ ކުރާ މަންޒަރެވެ. ޓީޗަރުގެ ޖީބަށް ވެސް އަތްލުމުން ޓީޗަރު އެ ކުއްޖާގެ އަތް ފޮޅާލާއިރު ފަހަތުން ޓީޗަރުގެ ބޮލުގައި އަތް އަޅާ ކޮއްޕާ ނޫނީ އެ ޓީޗަރުގެ މޫނުމަތީގައި ޖަހާ ތަން ވެސް ފެނެއެވެ.

މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ޓީޗަރު ސަސްޕެންޑް ކުރުމުން މީސްމީޑިއާގައި އާންމުން ވަނީ ކުއްޖާއަށް ފިޔަވަޅު ނާޅާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް މީހުން ބުނާ ގޮތުގައި ކުއްޖަކު އަތް އިސްކޮށްފިއްޔާ ގޯސްވާ އިރު، ޓީޗަރުންނަށް މިގޮތަށް ގަނާ ކުރާ ކުދިންނަށް ފިޔަވަޅު ނާޅާ ދޫކޮށްލުމަކީ މި ފަދަ މައްސަލަތައް އަތް ނުފޯރާ ފަށަށް ދާނެ ކަމެއް ކަމަށެވެ. އެކި ވީޑިއޯތަކަށް ބަލާއިރު އެއީ އެކި ދުވަސްތަކުގައި ނަގާފައިވާ ވީޑިއޯތައް ކަން އެނގެއެވެ. އެހެންކަމުން ޓީޗަރަށް ގަނާކޮށް އުނދަގޫކޮށް ރުޅި އަރުވާލީމާ ޓީޗަރަކަށް ވިޔަސް އެފަދައިން އަމަލު ކުރެވިދާނެ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

އައްޑޫ ހައި ސްކޫލްގައި މާރާމާރީ ހިންގި ވީޑިއޯގެ އިތުރުން ކްލާސް ރޫމްތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ ވައިރަލް ވެފައެވެ. މި ވީޑިއޯއަށް ވެސް އެތައް ބަޔަކު ކޮމެންޓްކޮށްފައިވާ އިރު، އެ ސްކޫލް ފެއިލް ވެފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.