ގައުމުގެ މުސްތަގްބަލް ބިނާ ކުރުމުގައި ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވެން ނެތް ކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑ މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އިއްޔެ ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ގައުމުގެ މުސްތަގްބަލް ބިނާކުރުމުގައި ދިވެހިރާއްޖެ ސާބިތުވެ އޮތީ، ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީ ކުރުވުމާއި ނަޒާހާތްތެރިކަމަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދޭ ގަައުމެއްގެ ގޮތުގައި ކަމަށެވެ. 2007 ވަނަ އަހަރު އދގެ ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، މިކަމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި މި މުއާހަދާގެ އުސޫލުތައް ދެފުށް ފެންނަ ގޮތެއްގައި ދަމަހައްޓަން ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި، މި މުއާހަދާގެ އުސޫލުތައް، ހާމަކަން ބޮޑު، އަދި ސާބިތުކަމާއެކު ނެގެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނިޒާމީ ކޮރަޕްޝަނުގެ ސަބަބުން ގާނޫނުގެ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްގީއަށް ހުރަސް އެޅި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާ ކަމަށާއި، ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި، ސަރުކާރުގެ މުއާމަލާތްތަކުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ މަޝްރޫއެއް ކަމުގައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮޖެކްޓްގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި، ގާނޫނުލްއުގޫބާތަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ މުހިންމު މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނާއި، "ހިންމި" ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓް ތައާރަފްކުރުމާއި، ސަރުކާރުގެ މުއައްސަސާތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ ފަންނީ މުވައްޒަފުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދެވުންވެސް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އިޖްތިމާއީ ޒިންމާދާރު ކަމާއި، ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި، މަދަނީ ޖަމްއިއްޔާތަކާއި، ޔޫއެންސީއޭސީގެ ރިވިއު މެކޭނިޒަމްތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސް ޝުކުރު އަދާ ކުރެއްވިއެވެ. ނަމަވެސް މިކަމުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވެން ނެތްކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
އަދި ގަައުމަށް އަމާނާތްތެރިވުމާއި، އިހްލާސްތެރިވުމާއި، ދެފުށް ފެންނަ އުސޫލުތައް ދެމެހެއްޓުމަކީ، ގައުމުގެ އެންމެން ގުޅިގެން އަދާކުރަންޖެހޭ ވާޖިބެއްކަން ފާހަގަކުރައްވައި، ނަޒާހަތްތެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކޮށް، ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހަމަހަމަކަމާއެކު އަދުލު އިންސާފު ގާާއިމުކުރާ ގައުމެއްގެ ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވަމުންނެވެ.
