'އެއްވެސް ފިލްޓަރެއް ނެތި' ރައްޔިތުންގެ ވާހަކަތައް އެއްސެވުމަކީ، ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޑރ. މުހައްމަދު މުއިއްޒު ފިޔަވައި ރާއްޖޭގެ އެއްވެސް ރައީސަކު މިހާތަނަށް ކުރައްވާފައިވާ ކަމެއް ނޫނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަދި މާލެ ސިޓީގެ ކޮންމެ އަވަށަކަށް ވަޑައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވަން ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޑރ. މުއިއްޒު ހިންގަވާ ހިންގެވުމަކީ، ހެޔޮ ފާލެކެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެދޭ އެދުންތަކާއި ހުރި ޝަކުވާތައް ފިލްޓަރު ކަނޑާލައި ރައީސަށް އަޑުއިއްވުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ، 'ބުނި ބުންޏޭ ކިޔައިގެން' ނުވަތަ 'ހުރިހާ ކަމެއްވެސް ރަނގަޅޭ' ކިޔައިގެން ރައީސްގެ ކަންފަތްޕުޅުގައި ބަސްދަންނަވާ މީހުން ދައްކަވާ ވާހަކަތައް އަމިއްލަފުޅަށް މިންކޮށްލުމަށް ރައީސަށް ވެސް ލިބިވަޑައިގަންނަވާ ރަނުގެ ފުރުސަތެކެވެ.

ހަގީގީ މައްސަލަތައް ހުރި ހިސާބާއި އެކަންކަން ހައްލުކުރުމުގައި ސަރުކާރުގެ ސިޔާސަތުތައް ރަނގަޅަށް ތަރުތީބު ކުރުމަށް ހުޅުވިގެންދާ ދޮރާއްޓެވެ.

އެއްބަޔަކަށް އެކަން ވަނީ އަބުއި ކަމަކަށެވެ. ނަމަވެސް މުހުތާދުތައް ނުފުއްދި، ހާސްކަމާއި ކަންބޮޑުވުމުގައި ތިބި ރައްޔިތުންނަށް އެއީ ލިބިގެންދާ ލުޔެކެވެ.

ރައީސް މުއިއްޒު ބާއްވަވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ބައްދަލުވުންތަކުން ފެންނަ މަންޒަރު

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ދަތުރު ކުރައްވައިފިއެވެ. ކޮންމެ ރަށެއްގައި އެރަށެއްގެ ކައުންސިލްތަކާއި އެރަށެއް ހިމެނޭ ދާއިރާމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި ޖަމްއިއްޔާ ޖަމާއަތްތަކާއި އިސް ރަށްވެހިންނާއި އާންމުކޮށް ރަށުގެ އެންމެނާ ބައްދަލު ކުރައްވާފައި ވެއެވެ. އެފަދަ ކޮންމެ ބައްދަލުވުމެއްގައި އެރަށަކަށް ބޭނުންވާ ތަރައްގީގެ ކަންކަމާއި މަޝްރޫއުތަކުގެ ވާހަކަތައް ދެއްކުމުގެ އިތުރުން، ވަކިވަކި ރައްޔިތުންގެ ކަންބޮޑުތައް ރައީސާ ހިއްސާ ކުރުމުގެ ފުރުސަތު ދެއްވައެވެ. ހަމަ އެހެންމެ ބައެއް ބޮޑެތި ސިޓީތަކުގައި އަދި ބައެއް ރަށްރަށުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކައުންސިލަރުން ހިމެނޭހެން، 'މި ސަރުކާރު ފެއިލްވެއްޖެ' ކަމަށް ބުނެ އެތައް ވާހަކައެއް ދައްކައެވެ.

މިހާރު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އިދިކޮޅު މައި ފިކުރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދި ގުޅިފައިވާ އެހެން ފިކުރުތަކުން ސަރުކާރަށް ފާޑުކިޔައި، ސީދާ ރައީސްގެ ކުރިފުޅުމަތީގައި އެ ވާހަކަތައް ފައްޗަށް އަމުނަމުން ގެންދެއެވެ.

ބޯހިޔާވަހިކަމަށް ޖެހިގެން ނުވަތަ ނުލިބިގެން ގިނަބަޔަކު އެ ޝަކުވާ ކުރާ އިރު، އެއްބުރުގައި ޕޮއިންޓް ހަމަވެ ފްލެޓާއި އަދި ގޯތި ލިބޭ ލިސްޓުގައި އޮވެ، ދެވަނަ ބުރެއްގައި އެ ލިސްޓުން އުނިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރެއެވެ. އެކަން އެހެން ދިމާވާ ސަބަބުތައް ހޯދާ އެކަންކަން ހައްލުކޮށްދޭން ރައީސަށް އާދޭސް ދަންނަވައެވެ. ލިސްޓުގައި އޮވެ ލިސްޓުން އުނިވަނީ ކީއްވެގެންތޯ ސާފުކުރަން ރައްޔިތުން އެދެއެވެ.

ކުށުގެ ވެށިން ހައްޔަރުވާ ފަރާތްތައް 'ވާނުވާ' ގައި ތިބޭ މައްސަލަ ހައްލު ކޮށްދިނުމަށާއި، ތަފާތު އެކިއެކި ބަލިތައް ތަހަންމަލް ކުރަމުންދާ ފަރާތްތަކަށް ސިއްހީ ރައްކާތެރިކަން ނުލިބޭކަމުގެ ޝަކުވާތައް ގިނައެވެ. އާސަންދައާއި އެންސްޕާގެ ހިދުމަތް އެންމެނަށް ހަމަހަމަކޮށް ނުލިބޭ މައްސަލައާއި ރައްޓެއްސަކަށް ނުވަތަ އެމްޕީ އަކަށް އާދޭސް ދަންވައިގެން ކުރަން ޖެހިފައި އޮންނަ އޮތުން ނިންމައިދޭން އެދެއެވެ.

ވަޒީފާ އަދާ ކުރާ މީހާގެ ހައްގެއްގެ ގޮތުގައި ޕެންޝަން ފަންޑުގައި ރައްކާ ކުރާ ފައިސާ، ބޭނުން ޖެހޭ ވަގުތު ނުލިބޭތީ އެކަން ބަދަލުކޮށް އެ ފައިސާ ލިބޭނެ ގޮތް ހަދައިދޭން އެދެއެވެ.

ކިޔަވައިގެން ރަނގަޅު ފާހެއް ނަގައިގެން ހުއްޓަސް ސިޔާސީ ގުޅުމެއްގެ ތެރެއިން ނޫނީ ވަޒީފާ ނުލިބޭ މައްސަލަ ހައްލުކޮށްދޭން އެދެއެވެ.

ތިމާގެ ވަށައިގެންވާ މާހައުލަކީ ހަމަޖެހިގެން ދިރިއުޅެލެވޭނެ މާހައުލަކަށް ހެދުމަށާއި ގޭ އޮޅި ހުރަސްކޮށް މަގުތަކަށް ނިކުމެ އުޅެވޭނެ ގޮތަށް މަގުތައް ރަމަތަކޮށް ޓްރެފިކް މައްސަލަ ހައްލުކޮށްދޭން އެދެއެވެ.

ފުނިޖެހިފައި ހުރީ ކުރިންވެސް ހުރި މައްސަލަތައް

ރައްޔިތުންގެ ބައްދަލުވުންތަކުން ސާފުވާ ކަމަކީ، މިއަދުވެސް ހުރީ އިއްޔެވެސް ހުރި މައްސަލަތައް ކަމެވެ. ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެން އުފަންވަމުން އައި މައްސަލަތައް ކަމެކެވެ. ކުށުގެ ވެށިން އުފަންވާ މައްސަލަތަކާއި މަގުތަކުގެ ކާރޫބާރު ބޮޑުވުމާއި، ވާޒީފާ ނުލިބުމުގެ މައްސަލަތަކާއި ވާނުވާ ބަންދުގެ މައްސަލަތަކާއި ވަށައިގެންވާ މާހައުލުގެ ރައްކާތެރިކަން ނެތުމުގެ މައްސަލައާއި ސިއްހީ ރަނގަޅު ފަރުވާއާއި ބޭސް ނުލިބުމުގެ މައްސަލައިގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައެވެ.

ދިރާސާތަކާއި އާންމު މައުލޫމާތުތަކަށް ބަލާއިރު މި ހުރިހާ މައްސަލައަކީ ވާރުތަވަމުން ވާރުތަވަމުން އައިސް ފުނިޖެހިފައި ހުރި މައްސަލަތަކެވެ.

ކޮންމެ 5 އަހަރެއްގެ ވެރިކަމުގެ ދައުރެއްގައި އެ ހުރިހާ މައްސަލައެއް ހައްލު ކޮށްދޭން ވައުދުވިޔަސް ވެރިކަން ނިމިގެން ދަނީ، ހައްލު ކުރުމުގެ ބަދަލުގައި ފުނިޖެހޭ މައްސަލަތައް ގިނަ ކުރަމުންނެވެ. ވެރިކަމަށް އައުމަށް ވައުދުވާ އިރު، އެ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަ ގުޅިފައި އޮންނަނީ އެ ސަރުކާރެއްގެ ބާރުވެރި މަގާމުތަކުގައި ތިބޭ ބައެއް ފަރާތްތަކާ ކަމަށް ވުމާއި ބަދަލުވާ ސަރުކާރާ އެ ފަރާތްތައް ގުޅި، ހަމަ އެމަސައްކަތް ކުރިއަށް ގެންދެވޭނެ މަގާމުތައް ހޯދާ ބާރުނަގައިގެން ތިބޭތިބުމަކީ ހައްލު ނުވެ ފުނިޖެހޭ ސަބަބެވެ.

ބައެއް ފަހަރު އެފަރާތްތަކުގެ ބާރު ގަދަވެ މާލީ ބާރުވެރިކަމުގެ ނުފޫޒާއެކު ވެރިއަކަށް ހުންނަވާ ފަރާތް 'ޒާތަކަށް ހައިޖެކް' ކުރާތީ ހައްލުވާ މަގު ވަނީ ދުރެވެ.

ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ފާހަގަ ކުރާ މައްސަލަތަކަކީ އެމަގުން ފުނިޖެހެމުން ގޮސް 'ބޮމެއްހެން' ގޮވާ ހިސާބަށް ގޮސްފައި ހުރި މައްސަލަތަކެވެ.

ކޮންމެ ވެރިކަމެއްގައި އެބަޔަކަށް ފަހިވާގޮތަށް ސިޔާސަތުތައް ބަދަލު ކުރުމާއި، ގައުމެއްގެ ހައިސިއްޔަތުން ބަދަލު ކުރަން ނުޖެހުނަސް ގިނަ ސިޔާސަތުތައް ބަދަލު ކުރުމުގެ ނަތީޖާއެވެ.

އެންމެ ގިނައިން ޝަކުވާ ކުރި އެއްމައްސަލަ ކަމުގައި ވާ ބޯހިޔާވަހިކަމުގެ މައްސަލައިވެސް 'ކަންވާރުބޮޅެއްހެން' ވެ ސާފު ނުވެގެން އުޅެނީ، އެބަޔަކަށް ފަހިވާގޮތަށް ބަދަލުކުރަމުން އައި ސިޔާސަތުގެ ސަބަބުންނެވެ. އެއްފަހަރު ކޮޓަރި ލިބިފައި އަނެއްފަހަރު ނުލިބެނީ އެހެންވެގެންނެވެ.

ރައީސް މުއިއްޒު ބާއްވަވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ދެއްވާ ހައްލު

ތަފާތު ދައްކަވަމުން ގެންދެވި ނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މިއަދު ހުންނެވި ޑރ. މުހައްމަދު މުއިއްޒަށް ވެސް ގޮންޖެހުންތައް ބޮޑެވެ. 30 އަކަށް އަހަރުވާންދެން ބަޔަކު މީހުން 'ހައިޖެކް' ކުރަމުން އަދި ކަންތައްތަކެއް ނިއުޅާލަން ހިފާއިރު ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ.

ރައްޔިތުން ކަންކަން އެދޭ ސްޕީޑާއި ކަންކަން ބޭނުންވާ މިންވަރާ އަރާ ހަމަކުރަން ދަތިތަކާ ދިމާވާނެއެވެ. ނަމަވެސް އިސްތިރާޖީ ގޮތެއްގައި ފަސްބެލުމެއް ނެތި ކަންކަން ހައްލުކުރަމުން ކުރިއަށް ވަޑައިގަތުމުން ނަތީޖާ ފޮނިވާނެއެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް މިވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، އިޖުތިމާކީ ކިތަންމެ މައްސަލައަކަށް ހައްލު ގެނެސް ދެއްވައިފިއެވެ. ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ހަރުދަނާ ބިންގަލެއް އަޅުއްވައިފިއެވެ. އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމުގެ މަގު ސާފު ކުރައްވައިފިއެވެ.

ބޯހިޔާވަހިކަމަށް ހައްލު ގެނައުމަށް ޑްރެޖަރުތައް ޖައްސައިފިއެވެ. ތަރުތީބު ކުރެވިގެން ފްލެޓާއި ގޯތި ދިނުމުގެ އިންތިޒާމުތައް ފެށިއްޖެއެވެ.

ބޭސްފަރުވާއާއި ސިއްހީ ނިޒާމުގައި ހުރި މުސްކުޅިކަން ޒަމާނީ ކުރުމަށް ގެންނަން ޖެހޭ ރިފޯމްތައް ފަށައިފިއެވެ. އަދުލުވެރިކަން ގާއިމުވާނެ އިންތިޒާމުތައް ތަރުތީބުވާން ފަށައިފިއެވެ.

ގޭނި ގޭނި ފާރުވެފައި އޮންނަ ފާރުގަނޑެއްގައި ކުރަލައި ފަސޭހަވާން ވަގުތުކޮޅެއް ނަގާނެއެވެ. އެންމެންގެ އޮތީ އެއް ޝަކުވާއެއް ނަމަވެސް ހައްލު ކުރާ މީހަކީ ޗެމްޕިއަންއެވެ.