ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި ބަލާ، މާލޭގެ ރަށްވެހި ކަމުގެ މުއްދަތު ކުޑަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ރޭ، ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކަލާފާނު ސްކޫލްގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅޭގޮތުންނެވެ. އެކަމަށް އިޝާރަތް ކުރައްވާ ރައީސް ވިދާޅުވީ މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިސްލާހުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
އެ ސްކީމްތަކަށް ކުރިމަތިލުމަށް އޮންނަ ޝަރުތުތަކުގެ ތެރޭގައި މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށް ވެސް އީޖާބީ ހައްލެއް ހޯއްދަވައިދެއްވާނޭކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ސްކީމްތަކުގެ ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ފަސް އަހަރުވެފައި އޮތް އޮތުމާމެދު "ޕޮޒިޓިވް ނޯޓެއްގައި" ވިސްނައި، އެ މުއްދަތު ކުރު ކުރެވޭނެ އެންމެ ބޮޑަކަށް ކުޑަކޮށްދެއްވާނެ ކަމަށެވެ.
މީގެއިތުރުން އެކި ސަރުކާރުތަކުން ހުރި ބިމާއި ނެތް ބިމުން ގޯއްޗާއި ފްލެޓް ދޫކުރައްވާފައި ހުރި ގޮތާއި އެކަންކަމުގައި ނާއިންސާފާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވެވިއެވެ. އަދި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
