ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ބަދަލާ އެކު، ފިރިހެން ކުދިންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން އުސޫލު ހަދައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުމާ، ދަރިވަރުން ތިބެން ޖެހޭނެ ގޮތް ސްކޫލުތަކަށް އަންގާފައެވެ، އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9، 10، 11 އަދި 12 ގެ ދަރިވަރުން) ތުބުޅި މަތިމަސް ބެހެއްޓުމަށް ވަނީ ހުއްދަދީފައެވެ. އެހެންނަމަވެސް ތުބުޅި މަތިމަސް ބެހެއްޓޭނީ އެއްވަރަށް ކުރުކޮށް ކޮށާފައި ކަމަށް އެޑިއުކޭޝަނުގެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ކުރިންވެސް އަމަލުކުރަމުން އައި އުސޫލާ އެއްގޮތަށް ފިރިހެން ދަރިވަރުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ކުރުކޮށް ކޮށާފައިކަމަށާއި ބޮލުގައި ކުލަޖައްސައި ހައިލައިޓުކުރުމާ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ މަނާކަމެއްކަމަށް ވަނީ ބުނެފައެވެ.
އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް-2 ނުވަތަ (ގްރޭޑް 4 އިން މަތީގެ ދަރިވަރުން) ގެ ޔުނީފޯމާ އެކު، ހަރުވާޅު ލާން ޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު އަންހެން ކުދިން ލާން ޖެހެނީ އަތް ދިގު ނުވަ އަތް ކުރުކޮށް ހުންނަ ގަމީސް ޓޮޕެވެ. ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވި އެއަށް ވުރެ 2-4 އިންޗި ދިގުކޮށް ކަމަށް އުސޫލުގައިވެއެވެ.
