ހުޅުމާލެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާ ތައިލެންޑަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަށް އަނިޔާވީ މިދިޔަ ބުދަ ދުވަހުއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ދުއާއަކީ އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބުން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗްގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައި ދިޔަ މި ހާދިސާގައި ސްޓެލްކޯ މުވައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ މީގެކުރިން ވަނީ ބުނެފައެވެ. އެ މުވައްޒަފަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފާރުވާދިނުމަށް ފަހު ފަހުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. މި ހާދިސާގައި އަނިޔާވި މުވައްޒަފުގެ ފަރުވާ އާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށް ދެވެން އޮތް ހުރިހާ އެހީތެރި ކަމެއް ފޯރުކޮށް ދިނުމަށް މުވައްޒަފުގެ އާއިލާ އާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި ނާޒުކު ހާލަތުގައި، އަނިޔާވި މުވައްޒަފުގެ އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެ ފަދަ ހުރިހާ އަމަލަކުން ދުރުހެލިވުމަށާއި ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައި ނުވާ މައުލޫމާތު ފެތުރުމުން ވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.