އެއްފަހަރާ 2 ޑްރެޖަރު ބޭނުންކޮށްގެން ހުޅުމާލެ ފޭސް 3ގެ ބިން ހިއްކަން ފަށައިފިއެވެ.

މިކަން އިއުލާނުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހުޅުމާލެ ފޭސް 3 އަދި ގިރާވަރު ހިއްކުމުގެ މަސައްކަތް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާ ކަމަށް ރައީސް ވަނީ މިދިޔަ ބުދަ ދުވަހު ވިދާޅުވެފައެވެ. އަދި އެ ޑްރެޖަރު ހުޅުމާލެ ފޭސް 3 ހިއްކަމުން އަންނަ ޑްރެޖަރާއެކު މަސައްކަތް ފަށާނެ ކަމަށް އޭރު އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފަހުކޮޅު ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހިއްކާ ސަރަހައްދު ފާހަގަކުރުމަށް ބަންޑްލް ވޯލް ޖެހުމާއި އީއައިއޭ އަދި އެހެނިހެން ކަންކަން ނިމުމާއެކު ގިރާވަރު ފަޅުގައި ހިއްކާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ފޭސް 3 ގެ ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ވަނީ މި މަހުގެ 10 ވަނަ ދުވަހު ބައްލަވާލައްވާފައެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެއަށްފަހު އެ މަޝްރޫއު މަޑުޖެހުނީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީއެވެ. މި މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ ވެސް މި ހިނގާ މަހުގެ ތެރޭގައެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.