މޫޑީސްގެ ރޭޓިން މަތިވުމާ އެކު ރާއްޖޭގެ އިގްތިސޯދީ މަގަށް އޮތް އިތުބާރު އަލުން އިއާދަވެގެން ހިނގައްޖެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް އިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދެމެހައްޓާފައެވެ. ނަމަވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައިޓްލުކް ކުރިން އޮތް ރޭޓިން ނެގެޓިވް އިން ސްޓޭބަލްއަށް ވަނީ މަތިކޮށްފައެވެ.
މޫޑީސް އިން ރާއްޖޭގެ ރޭޓިން ސްޓޭބަލްއަށް މަތިކޮށްފައި ވުމާއެކު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، ބޭރުގެ ލިކުއިޑިޓީ ރަނގަޅުކޮށް، ޑޮލަރުން ލިބޭ އާމްދަނީ އިތުރުކޮށް، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަރުދަނާކޮށް، ބަޖެޓް މިހާރަށް ވުރެ ޒިންމާދާރު ގޮތެއްގައި ހހޭދަކުރައްވާފައިވާ ކަމަށެވެ. މި މަސައްކަތުގެ ސަބަބުން ބޭރުގެ ފިއްތުންތައް ކުޑަވެ، ރާއްޖޭގެ އިގްތިސޯދީ މަގަށް އޮތް އިތުބާރު އަލުން އިއާދަވެގެން ހިނގައްޖެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
އަމާޒަކީ ފިސްކަލް ކޮންސޮލިޑޭޝަނާއި، ޒިންމާދާރުކޮށް ދަރަނި މެނޭޖް ކުރުމާއި އަދި ރާއްޖޭގެ ތަރައްގީ ދެމެހެއްެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށް ޒަމީރު ވިދާޅުވިއެވެ.
މޫޑީސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް މޫޑީޒް އިން "ސްޓޭބަލް" އަށް ބަދަލުކުރިކުރީ މިދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖެ އިން ތަންފީޒު ކުރަމުންދާ ހަރުދަނާ ސިޔާސަތުތަކާއި އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރު ވެސް ތަންފީޒު ކުރަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވުމުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މެކްރޮފިސްކަލް ހާލަތު ރަނގަޅުވުން ކަމަށް ފާހަގަކޮށްފައި ވެއެވެ. ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒު ކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވުން ހިމެނެއެވެ.
ހަމައެއާއެކު މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު، މި ސިޔާސަތުތަކާ އެކު މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު 126 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައި ކަމަށް މޫޑީސް އިން ބުނެއެވެ. އަދި ސަރުކާރުން ބަޖެޓު ތަންފީޒު ކުރުމުގައި ހަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައް ވެސް ވަނީ ފާހަގަކޮށްފައެވެ.
މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު ވެސް، ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ކުރުމެއް ނެތި ބާރުމިނުގައި އިގުތިސާދު ކުރިއަރަމުންދާ ކަން ވެސް މޫޑީސް އިން ބުނެއެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ދާއިރާ ކަމުގައިވާ ޓޫރިޒަމްގެ ސިނާއަތަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވުމާއި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު ވެސް އިތުރުވެފައި ވާކަން ފާހަގަކޮށްފައި ވެއެވެ.
މޫޑިސް އިން ސީއޭއޭ2 ގައި ރޭޓިން ދަމަހައްޓާފައި ވަނީ ރާއްޖޭގެ ދަރަނީގެ މިންވަރު މަތިވެފައި ވުމުގެ ސަބަބުންނެވެ.
