މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން މުސާރަ ނުލިބޭ ގޮތަށް އއ. ފެރިދޫ ކައުންސިލް ރައީސް އިސްމާއީލް ޝާހު މިއަދު ސަސްޕެންޑު ކޮށްފިއެވެ.

އެ ކައުންސިލް އިދާރާގައި މަސައްކަތްކުރި އިދާރީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ސެޕްޓެމްބަރު 21، 2025 ގަ އެވެ. ޓްރައިބިއުނަލުގެ ނިންމުމާއެކު އެލްޖީއޭއިން އިންކުއަރީއެއް ހަދައި އެ އަށް ޖަވާބުދާރީ ވުމަށް ޝާހުއަށް ހަތް ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. އަދި އެ އިންކުއަރީން ފާހަގަވި ކަންކަން މިއަދު އާއްމުކޮށްފައިވާއިރު ޓަރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ކުރެވެން އޮތް މުއްދަތުގައި، މައްސަލަ އިސްތިއުނާފު ކޮށްފައިނުވާކަން އެލްޖީއޭއިން ވަނީ ބުނެފައެވެ.

އެހެންވެ، އެ އޮތޯރިޓީން ނިންމީ ޝާހު ޖިންސީ ފުރައްސާކުރުމާ، ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށާއި އޭގެ ސަބަބުން ކައުންސިލުގެ މުވައްޒަފުންނާއި މުޅި ނިޒާމަށް ނުހަނު ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ހުކުމުގައި ވަނީ މައްސަލަ ހުށަހެޅި އެސިސްޓެންޓް ކައުންސިލް އޮފިސަރާއި ޝާހުގެ ފަރާތުން ހުށަހެޅި ލިޔުންތަކާއި ދެ ފަރާތުން ދެއްކި ވާހަކަތައް އަދި ހެކި ބަހަށް ބަލާއިރު ޝާހު ޖިންސީ ފުރައްސާރަ ކޮށްފައިވާކަން ސާބިތުވާކަމަށެވެ. އަދި އެސިސްޓެންޓް ކައުންސިލް އޮފިސަރާ މެދު ފުރައްސާރައިގެ އެއްވެސް އަމަލެއް ތަކުރާރު ނުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެ މައްސަލައިގެ ބޮޑުމިނަށް ބަލައި، އެލްޖީއޭއިން ވަނީ ޝާހު މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ތިން މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑުކުރުމަށްވެސް ނިންމާފައެވެ.