މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ތައުލީމީ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވާކްގެ ދެވަނަ ފޭސްގެ ދެ ބެޗް، މާފުށީ ޖަލުގެ އަންހެން ގައިދީންނަށް ފަށައިފިއެވެ.

އެގޮތުން މާފުށީ ޖަލުގައި ތިން މަސް ދުވަހަށް ކުރިއަށްދާ ފޭސް 2 ގެ ދެ ބެޗަކީ ބެޗް 9 އާއި 10 އެވެ. މި ދެ ބެޗްގައި ޖުމްލަކޮށް 12 ގައިދީން ބައިވެރިވެފައިވާއިރު ކަރަކްޝަނަލް ސާވިސް އިން ބުނީ ފްރޭމްވާކްގެ ދެވަނަ ފޭސްގައި ކުރިއަށްދާނީ “ސައިކޮލޮޖީ ޕްރޮގްރާމް”ތަކެއް ކަމަށެވެ.

މި ފޭސްގެ މަގްސަދަކީ ގައިދީންނަކީ ނަފްސާނީ ގޮތުން ވަރުގަދަ ބައެއް ކަމުގައި ހަދައި، އެމީހުން ކުށުގެ ވެށިން ސަލާމަތްކޮށް، އަމިއްލަ ނަފްސަށް އިތުބާރުކުރާ ފަރުދުންތަކެއްގެ ގޮތުގައި މުޖްތަމައުއަށް ނެރެދިނުންކަމުގައި އެ ސާވިސް އިން ވަނީ ބުނެފައެވެ.

ކަރަކްޝަނަލް ސާވިސް އިން ބުނީ 4 ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވާކް ތައާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.