ބޯކޮށް ވާރޭވެހި، މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަން ފަށައިފިއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވަނީ އިންޒާރު ދީފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރައި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހޭނެ ކަމަށާއި ވައި ބާރުވެ ވިލާގަނޑޫގައި އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވާއިރު މިއަދު މެންދުރު ފަހުން ފެށިގެން މާލެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ.

އަދި ބައެއް މަގުތަކުގައި ފެން ބޮޑުވެ އާންމުން ދަތުރުފަތުރު ކުރުމަށް ވެސް ވަނީ އުނދަގޫވެފައެވެ.

އެއާއެކު އެމްއެންޑީއެފްއިން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިވަގުތު ފެން ހިންދުމަށް ޓަކައި މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ދަނީ މަސައްކަތް ކުރަމުންނެވެ. އިއްޔެ ވެސް މާލެއަށް ބޯކޮށް ވިއްސާރަ ވެހުމާ ގުޅިގެން ސިފައިން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.

މިއަދު މެޓް އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. ބޯކޮށް ވާރޭވެހުމާއި ގުގުރުމުގެ އިތުރުން ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެ ސަމާލުގައި ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވުމާއެކު ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކުރައްވާފައެވެ.