މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މާލެ އަދި ރަށްރަށުގެ އެކި ކޯޓުތަކުގެ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި ވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމުގެ އާންމު މިންގަނޑު އޮތް ގޮތުން ލީގަލް އޮފިސަރުންނަށް ޒިންމާތައް ގިނަވިޔަސް، އެ ޒިންމާތަކާ ނުބައްދަލު ގޮތަކަށް މުސާރަ ކަނޑައަޅާފައިވާ ކަމަށެވެ. ދައުލަތުގެ އާންމު ޕޭ ފްރޭމްވޯކްގެ ލީގަލް މެނޭޖަރުގެ އޮނިގަނޑުގައި ހިމެނޭ ގިނަ މަގާމުތަކުގައި ހުރި އަސާސީ ޒިންމާތަކަކީ ކޯޓުގެ ލީގަލް އޮފިސަރުން މިހާރު ވެސް އަދާކުރަމުން އަންނަ ޒިންމާތަކެއްކަން މި ޕެޓިޝަނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން ލީގަލް މެނޭޖަރުންގެ އޮނިގަނޑުގައި ހިމެނޭ އެއް މަގާމު ކަމަށްވާ، "ލީގަލް ކައުންސެލް" ގެ އަސާސީ ޒިންމާތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ އެންމެހާ ޒިންމާތަކަކީ ލީގަލް އޮފިސަރުންގެ ޒިންމާތަކުގައި ހިމެނޭ ކަންތައްތައް ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ. ލީގަލް އޮފިސަރުން މިހާރު އަދާކުރަމުން އަންނަ ޒިންމާތަކަކީ ލީގަލް މެނޭޖަރުންގެ މެޓްރިކްސްގައި ބަޔާންކޮށްފައިވާ މަގާމުތަކުގައި ހުރި ޒިންމާތަކެއް ކަމަށްވާއިރު، އެ އޮނިގަނޑުގެ މަގާމަކަށް ލީގަލް އޮފިސަރުން ހިޖުރަކޮށްދީ، މެޕް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ބަޔާންކޮށްފައި ވެއެވެ.

މުވައްޒަފުންނަށް އުސޫލުގެ ތެރެއިން ދެވެން އޮތް މަންފާއެއް ލިބިދެންވެންޖެހޭނެކަން ފާހަގަކޮށް ޕެޓިޝަނުގައިވަނީ އެ ހައްލު ދެވެން ނެތް ނަމަ، މިހާރު ވެސް ޖުޑީޝަރީގެ ޖޮބް މެޓްރިކްސްގައި ހިމެނިފައިވާ ސީނިއާ ކޯޓް ލީގަލް އޮފިސަރުގެ ރޭންކަށް އެންމެހާ ލީގަލް އޮފިސަރުން ހިޖުރަކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހަގީގަތުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

މީގެ އިތުރުން އެ ޕެޓިޝަނުގައިވަނީ ޖުޑިޝަރީގެ ލީގަލް މުވައްޒަފުންނަކީ އިތުރު އެހެން ގާނޫނީ މަސައްކަތެއް ކުރުމުގެ ފުރުސަތު ނެތް ބަޔެއްކަމުގައި ވާތީ، ނޮން-ޕްރެކްޓިސް އެލަވަންސަކީ ކޮންމެހެން ލިބިދެންޖެހޭ އެލަވަންސެއް ކަމަށް ބަޔާންކޮށްފައެވެ.

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ކޯޓުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ކަޅު ހެދުމުގެ ހަމަހިމޭން ކަމުގައި އިހްތިޖާޖެއް ކުރަމުންނެވެ.