ސްޓެލްކޯއިން ހިންގި ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދެވެ. މި ކޯހަކީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ އަންހެނަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. ޖުމްލަ 7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކޯހުގައި ބައިވެރިވެ 116 ބައިވެރިން ވަނީ ކޯސް ފުރިހަމަކޮށްފައެވެ.
މި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހް ރަޝީދު ވިދާޅުވީ ފިރިހެނުން ޑޮމިނޭޓް ކުރަމުން އަންނަ ދާއިރާއަކަށް އަންހެނުން ތަމްރީނު ކުރުމަކީ މީގެ ސަބަބުން ވަރަށް އެދެވޭ، ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމެއްކަމުގައެވެ. އެގޮތުން އަމިއްލަ ދިރިއުޅުމުގައި ގޭތެރޭގައި ޖެހޭ ކަރަންޓުގެ ކުދިކުދި ކަންތައްތައް އެހެން އެއްވެސް ފަރާތަކަށް ބަރޯސާ ނުވެ އަމިއްލައަށް ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަން ޝަމާހް ފާހަގަކުރެއްވިއެވެ އަދި މިއީ މި ދާއިރާއިން އާމްދަނީ ހޯދުމުގެ ވިސްނުންތެރިކަމާއެކު އަންހެނުން އެކަމުގެ އަސާސީ ހުނަރު ދަސްކޮށްދެވި އޭގެ ތެރެއަށް ނުކުތުމަށް އެޅިގެންދާ ވަރުގަދަ ބިންގަލެއްކަމުގައި ޝަމާހް ވިދާޅުވިއެވެ.
ސްޓެލްކޯއިން ބުނީ މި ކޯހުގެ މަގުސަދަކީ ކަރަންޓުގެ ދާއިރާއަށް އަންހެނުންގެ ހިތް ޖައްސުވައި، އެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރުދީ، އެ ދާއިރާއިން ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ދާއިރާއަށް އަހުލުވެރިކޮށް، އެމަގަށް ހަރުދަނާ ބިންގަލެއް އަޅައިދިނުން ކަމަށެވެ.
މި ކޯހުގެ ބައިވެރިންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި ހިމެނެނީ ގޭބީސީ ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މައުލޫމާތާ، އަމަލީ ގޮތުން އެކަން ކުރާނެ ގޮތާ، ވަޔަރު ކުރުމަށް ބޭނުންވާ ސާމާނާ، އެކި ބޭނުންތަކަށް ކަމުދާނެ ސޮކެޓް އަދި ނަރުގެ ސައިޒު ފަދަ މައުލޫމާތުތަކެވެ. އަދި ގޭބިސީގައި އެންމެ އާންމުކޮށް ބޭނުންކުރާ ކަރަންޓު އާލާތްތައް ކަމުގައިވާ ބޮކި، ފަންކާ، ސްވިޗް، ޑީ ބޯޑް ފަދަ ތަކެތި ހަރުކުރުމާއެކު ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ މި ކޯހުގެ ބައިވެރިންނަށް ވަނި ދަސްކޮށްދީފައެވެ. މީގެ އިތުރުން ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓު ސާމާނު ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެ ގޮތްތައްވެސް ވަނީ ދަސްކޮށްދީފައެވެ.
