ގޭންގުތައް ހުއްޓުވުމުގެ ގާނޫނު ވުޖޫދުވުމާއެކު އެފަދަ ހަރަކާތްތައް ހިންގާ ގުރޫޕުތައް މަދުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ހަދައިފައިވާކަމަށާއި އެއީ މި ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބެއް ކަމަށެވެ.

"ހޯމް މިނިސްޓަރު އަލީ އިހުސާން އަޅުގަނޑު ގާތު ވިދާޅުވީ އެ މިނިސްޓްރީން ޕީޖީއަށް ދެންނެވީމަ ވިދާޅުވެއްޖޭ ޝަރުތު ހަމަވާން ގޭންގެއް ނެތޭ. ގޭންގު ކުށްތައް މިހާރު ހުއްޓާލާފިއޭ. ގޭންގުތައް ވަރަށް މަދުވެއްޖެއޭ. ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނެތިގެނެ މިއުޅެނީ. ބޮޑެތި އަދަބުތައް ލާފައި މި ފާސްކުރާނީ ޒުވާނުން މިހުރިހާ ނުބައިކަމަކުން ސަލާމަތްކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ބޮޑެތި އަދަބުތައް ހިމަނައިގެން ގާނޫނުތައް ފާސްކުރަނީ ބަޔަކަށް އަދަބު ދޭން ނޫން ކަމަށާއި ޒުވާނުން އެކަންކަމުން ދުރުކުރަން ކަމަށެވެ. އޭގެ ނަތީޖާ ގޭންގްގެ ގާނޫނާ އެކު ވެސް ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން މި މުޖްތަމައުއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭން ގާނޫނުގައި ހިމަނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ ނަތީޖާއަކަށް ވާނީ މަސްތުވާތަކެތީގެ ސަޕްލައި ހުއްޓުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޑުރަގު އެތެރެކޮށް ވިއްކުން، އެ މީހުންނަށް އޮންނާނީ އެންމެ މަތީ އަދަބު، ދެން މީގެއިން މީހުން ސަލަމާތް ކުރާނީ،"
ރައީސް

ހަމަ އެހެންމެ މަސްތުވާތަކެއްޗާ ދެވިހިފާފައިވާ މީހުން އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ލ. ގަމާއި ނ. ވެލިދޫއާއި ކ. ކާށިދޫގައި ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްކުރަމުންދާކަމަށެވެ.

އަދި ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެނަމަ ގޭންގު ކުށްތައް ހިންގުމާއި މަސްތުވާތަކެތީގެ ވަބާއާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކަށް މި ދައުރުގެ ތެރޭގައި ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ އެއީ ނިންމަވަން ކިތަންމެ އުނދަގޫ ނިންމެވުމެއް ނަމަވެސް، އަޅުއްވަން ކިތަންމެ އުދަގޫ ފިޔަވަޅެއް ނަމަވެސް، ގައުމީ ފައިދާވާ ކޮންމެ ނިންމުމެއް ނިންމައި ފިޔަވަޅުތައް އަޅައި، މައްސަލަތައް މުލުންލުހެލުމަށް ކަމަށް ވިދާޅުވެފައި ވެއެވެ.