ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ޖުލައި 26، 1965 ގައި ސޮއިކުރިއިރު ބޭނުންކުރި ދެ ގޮނޑި ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިައްޔާތެއްގައި އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެކްސަލެންސީ ނިކޮލަސް ޑޭވިޑް ލޯ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ގޮނޑިތަކާ ހަވާލުވެވަޑައިގަތީ ހާރިޖީ ވަޒީރު، ޑރ. އަބްދުﷲ ހަލީލް އެވެ.

ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންކުރެއްވި ދެ ގޮނޑި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު

މި ރަސްމިއްޔާތުގައި ހާރިޖީ ވަޒީރުގެ އަރިހުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަލީލް ވަނީ އެ ގޮނޑިތަކުގެ ރަމްޒީ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެ ގޮނޑިތަކަކީ ދިވެހިރާއްޖެ މިނިވަން ސިޔާދަތީ ދައުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ ވަގުތުކޮޅުކަމުގައި ފާހަގަކުރައްވާ ހަލީލް ވަނީ، މިފަދަ މާނަފުން ހަދިޔާއަކުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭކަމުގައި ވިދާޅުވެ އިނގިރޭސިވިލާތުގެ ސަރުކާރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާ ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ޖުލައި 26، 1965 ގައި ސޮއިކުރެއްވުމުގެ ތެރެއިން

އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ލޯ ދެއްކެވި ވާހަކައިގައި ވަނީ، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަންދެއްވާފައި ވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ތާރީހީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައި، ތަފާތު އެކި ދާއިރާތަކުން ކުރިއަށްދާ އެއްބާރުލުމާގުޅޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްވެރިންނާއި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.