އެއާ އެމްބިއުލްންސްގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެއްޓުމަށްޓަކައި ހެލްތް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާ އާއެކު މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ހަމްދާން ނާސިރު އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު އަދި އެންސްޕާގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރު ހީނާ ވަލީދު އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ސިއްހީ ކުއްލި ފަރުވާގެ ހިދުމަތް ފުޅާ ކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެއާ އެމްބިލަންސްގެ ހިދުމަތަކީ ރައީސް މުއިއްޒުގެ، ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ސަރުކާރުގެ ހަފްތާ14ގައި ހިމަނުއްވާފައިވާ އަދި މާރިޗް 1، 2024 އިން ފެށިގެން ދެމުންދާ ހިދުމަތެކެވެ.
ހެލްތް މިނިސްޓްރީގެ ދަށުން، މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސަސް އުފައްދައި، މި ހިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ހިދުމަތުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓާ މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި މިހާތަނަށް، 1840 ބަލިމީހުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ސިއްހީ ކުއްލި އެހީ ބޭނުންވާ ހާލަތްތަކުގައި، ފަރުވާ ދިނުމަށް، މާލެ ސަރަހައްދަށް އެއާ އެމްބިއުލަންސްގައި ގެނެސްފައި ވެއެވެ.
