ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދިފަހުން، އަންހެނަކާއި ތުއްތު ދަރިފުޅު ހާލު ދެރަވެގެން މާލެއަށް ގެނައުމަށް ދިޔަ އެއާ އެމްބިއުލާންސުގައި އެމަޖެންސީކޮށް ފަރުވާ ދޭން ޖެހޭ ހުރިހާ ވަސީލަތެއް ހުންނާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.

އުމުރުން 35 އަހަރުގެ ޝިއުނާ ތައުފީގް، ބަނޑަށް 8 މަހުގައި ރޯގާ ޖެހިގެން ނޭވާ ލާން އުނދަގޫވެ އެ ހޮސްޕިޓަލަށް ދިޔައީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އޭނާގެ ހާލު ގޯސްވެ ވެންޓިލޭޓަރަށް ލުމަށް ފަހު ވަނީ ސިޒޭރިއަން ހަދައި ކުއްޖާ ނަގާފައެވެ.

އެއަށް ފަހު އޭނާގެ ހާލު ގޯސްވާތީ މާލެއަށް ފުރުވާލުމަށް މަސައްކަތް ކޮށްފައި ވީ ނަމަވެސް، މާލެއަށް ފުރުވާލުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އަދި ޝިއުނާ ނިޔާވެފައި ވަނީ މާލެއަށް ގެނައުމަށް އޭނާ ގޮވައިގެން ކޫއްޑޫ އެއާޕޯޓްގެ ރަންވޭ މަތީގައި ތިއްބައެވެ. ޝިއުނާގެ ދަރިފުޅު ނިޔާވެފައި ވަނީ އިތުރު ފަރުވާއަށް މާލެއަށް ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރި އިރު، ގއ. އަތޮޅު ހޮސްޕިތަލުގެ އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެއާ އެމްބިއުލާންސް ހިދުމަތް ދިނުމުގައި ލަސްތައް ހުރި ކަމަށާއި، އެއާ އެމްބިއުލާންސްގައި ވަސީލަތްތައް ހަމަނޫނީތޯ ސުވާލު އުފައްދައި ވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ހިއްސާ ކުރަމުންނެވެ.

އެކަމާ ގުޅިގެން މޯލްޑިވިއނަުން ބުނެފައި ވަނީ، އެ ދެމައިން ނިޔާވުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށާއި އެއާއިލާއަށް ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާ ކަމަށެވެ. އެދެމައިން މާލެއަށް ގެނައުމަށް މޯލްޑިވިއަންއިން އެއާ އެމްބިއުލާންސް އޮޕަރޭޓްކޮށްފައި ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސަސްއާ ގުޅިގެން އިމަޖެންސީ ފަރުވާ ދޭން ބޭނުންވާ ސާމާނާ އެކުގައި ކަމަށެވެ.

މޯލްޑިވިއަނުން މިހެން ބުނި ނަމަވެސް ކޫއްޑޫ އެއާޕޯޓް ރަންވޭ މަތީގައި ޝިއުނާ މަރުވެފައި ވަނީ އޮކްސިޖަން ދަށްވާތީ އެއާ އެމްބިއުލާންސަށް ނާރުވި، ރަންވޭ މަތީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ އާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނެފައި ވަނީ، ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ. މިހާރު އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށާއި ހުރިހާ ތަފްސީލެއް ވަރަށް ފުންކޮށް ބަލައި، އެއާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މި ހާދިސާގައި ނިޔާވި ޝިއުނާގެ އިތުރު ދެ ކުދިން ތިބެއެވެ. އެއީ 13 އަހަރުގެ ކުއްޖަކާއި 8 އަހަރުގެ ކުއްޖެކެވެ.