އޭޕްރިލް 6ގެ ނިޔަލަށް އެއާ އެމްބިއުލެންސްގައި 1000އަށް ވުރެ ގިނަ ބަލިމީހުން އުފުލާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެެވެ.
ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ ފާއިތުވި 16 މަސްދުވަހު ހެލްތް ސެކްޓާ ކުރިއަށް ގެންދިއުމުގައި ކުރެވިފައިވާ މުހިންމު ކަންތައްތަކާއި ކުރިއަށް ރޭވިފައި ހުރި ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޭސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ނާޒިމް ވިދާޅުވީ މާޗު 2024 އިން 6 އޭޕްރިލް 2025ގެ ނިޔަލަށް އެއާ އެމްބިއުލެންސްގައި 1072 ބަލި މީހުން އުފުލާފައިވާ ކަމަށާއި، ޖުމުލަ 899 ދަތުރު ކޮށްފައިވާ ކަމަށެވެ.
އެއާ އެމްބިއުލެންސްގެ ހިދުމަތް މިދިޔަ އަހަރު ތައާރަފްކުރެވިގެން ދިއުމާއެކު ދިވެހި ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިފައިވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މި ހިދުމަތް އިތުރަށް ހަރުދަނާ ކޮށް ފުޅާކުރުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ. ނަމަވެސް މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި މަސައްކަތަށް އެކަށީގެންވާ ފަންނުވެރި މީހުން ނެތުން ކަމަށެވެ.
އެއާއެކު ނާޒިމް ވިދާޅުވީ މި އަހަރުގެ ފަހުކޮޅު ހުވާލާ ކޯސްތަކުގެ ތެރޭގައި މި ދާއިރާއާއި ގުޅުން ހުރި ކޯސްތައް ހިމެނިގެން ދާނެ ކަމަށެވެ. މި ތަމްރީނު ތަކާއެކު މިހާރު ދެމުންގެންދާ ހިދުމަތްތައް އެއަށްވުރެ ރަނގަޅު ވެގެން ދާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުންވެސް ނާޒިމް ވިދާޅުވީ އިސްރަށްވެހިންނަށް ހާއްސަކޮށްގެން ހަފްތާއަކު 2 ދުވަހު އެތެރެ ހަށީގެ އޯޕީޑީގެ ހިދުމަތްވެސް ފެށިފައިވާކަމަށާއި، 76 ރަށެއްގައި ޕޮއިންޓް އޮފް ކެއާ ޓެސްޓިން އުސޫލުން ލެބޯޓްރީގެ ހިދުމަތްވެސް ފެށިފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މާޗު މަހުގެ 1 ވަނަ ދުވަހުއެވެ. މި ހިދުމަތުމައި ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ ޑޭޝް-8 މަރުކާގެ ބޯޓެއް އެކަނި ނަމަވެސް އެ އަހަރުގެ މާޗު 15 އިން ފެށިގެން މި ހިދުމަތުގައި ޑީއެވްސީ-6 ޓްވިން އޮޓާގެ ސީ ޕްލޭނެއްވެސް ބޭނުންކުރަން ފަށާފައެވެ. ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދެނީ އައިލެންޑް އޭވިއޭޝަން ކުންފުންޏާ ގުޅިގެންނެވެ.