ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނަތްތެރި ކަމަށް ބުނާ މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ 2 ދައުވާގެ އަޑުއެހުމަށް ހާޒިރުވާން ދެކޮޅު ހެދުމަށްފަހު އޭނާ ކޯޓަށް ހާޒިރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު 8:15 އަށް ތާވަލްކުރި ކްރިމިނަލް ކޯޓުގެ އަޑުއެހުމަށް ދާން ބައްސާމް ދެކޮޅު ހަދާފައިވަނީ ޖަލުހެދުމުގައި ބިޑި އަޅުވައިގެން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމަށް މަސައްކަތް ކުރުމުންނެވެ.
ބައްސާމް ޖަލު ގޮޅިން ނުކުންނަން ދެކޮޅު ހެދުމާ ގުޅިގެން އޭނާގެ އަޑުއެހުން ފަސްކުރިއެވެ. އެހެންނަމަވެސް މިހާރު ބައްސާމް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
11 ޖެހިއިރު ބައްސާމް ކޯޓަށް ހާޒިރުކޮށްފައިވަނީ ކުލަ ހެދުމުގައި ބިޑި އަޅުވައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން ބައްސާމް އަމީން އެވެނިއުގެ އެޕާޓްމެންޓެއް ގަތް ކަމަށް ބުނާ މައްސަލައިގެ އަޑުއެހުމެވެ. މި މައްސަލައާ ގުޅިގެން ބައްސާމްގެ މައްޗަށް ވަނީ އެފްއޭއެމްގެ 1،200،000 ޑޮލަރަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އަދި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ.
ހިޔާނާތުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ބައްސާމްގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި މަނީލޯންޑަރިންގެ ކުށް ސާބިތުވެއްޖެނަމަ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެއެވެ.
މި ހިޔާނާތުގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1,200,000 އެމެރިކާ ޑޮލަރު ބައްސާމުގެ އަތުން ނަގައިދިނުމަށް އެދިފައިވެއެވެ. އަދި ލޯންޑާ ކޮށްފައިވާ ފައިސާ ބޭނުންކޮށްގެން ބައްސާމު ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައިވެއެވެ.
ބައްސާމްގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ބައެއް ދައުވާތައް ސާބިތުވެ، އޭނާ އަންނަނީ ޖުމުލަ 9 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
