މާދަމާއަށް ފަހު ބަޔޯމެޓްރިކްސް ނުދީހުރި ބިދޭސީން ވަގުތުން ޑީޕޯޓުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިރޭ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު ރާއްޖޭގައި ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑު ކަމަށާއި، އެހެންނަމަވެސް އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އެމައްސަލައަށްވެސް ދާއިމީ ހައްލެއް ހޯދައިދެވިގެންދާކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއެކު ފެށި ކުރަނގި އޮޕަރޭޝަނުގައި މިއަދާއި ހަމައަށް އައިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގާފައިވާކަމަށާއި، މީގެން ރާއްޖޭގައި ތިބި ބިދޭސީންނަކީ ކޮބައިކަމާއި، މިމީހުން ތިބީ ކޮންތަނެއްގައި ކަމާއި މި ހުރިހައި ކަމެއް އިނގިގެން ދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރޭޝަންގައި ވަގުތުން ޑީޕޯޓްކުރާނެ ކަމަށާއި، މާދަމާއަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނުވަތަ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށްވެސް ނުހުރެވޭނެ ކަމަށެވެ.
މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނުގަވައިދުން އުޅުނު މީހުންނާއި އެކި ކުއްކުރި މީހުން ހިމެނޭހެން ޖުމުލަ 9021 ބިދޭސީން ޑީޕޯޓުކުރެވިފައިވާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ފާހަގަކުރެވޭގޮތުގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
