ގްރޭޓާ މާލެ ސަރަހައްދުގައި ގާއިމްކުރާ 3،000 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ބިން ހައުސިން މިނިސްޓްރީއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކޮށްފިއެވެ.
މިއީ ބީއެމްއެލްގެ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން އަޅުމަށް ހަމަޖެހިފައިވާ 3000 ހައުސިން ޔުނިޓެވެ.
ބީއެމްއެލްއާ ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓު އަޅާނެ ކަމަށެވެ. އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 3ގައި 2،700 ހައުސިން ޔުނިޓް އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫއު ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ މި ތަންތަނަކީ އަތް ފޯރާ ފަށުގައި ދެވޭނެ ތަންތަނަށް ހެދުމަށް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ބީއެމްއެލްއަށް ބިން ދިނުމަށްފަހު އިމާރާތް ކުރާ ހައުސިން ޔުނިޓްތައް ބެންކަށް އިތުރު އަގަކާ ނުލައި ދައުލަތަށް ނަގާނެ ކަމަށާއި މި ހައުސިން ޔުނިޓްތަކުގެ އަގު މިހާރު ދޫކުރާ ހައުސިން ޔުނިޓްތަކާ އެއް އަގެއްގައި ހިފެހެއްޓޭނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓް ދޭނީ ސަރުކާރުން އިއުލާނުކުރާ ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކަށް ކަމަށެވެ. އޭގެތެރޭގައި ބޭންކުން ކަނޑައަޅާ އުސޫލުތަކަސް ފެތެން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އިއުލާނުކުރައްވާފައެވެ.
