ކައުންސިލްތައް އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލުތައް ސަރުކާރުން ހާމަނުކުރާތީ އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށާއި މަޝްވަރާކުރުމަށް މި މަހުގެ 12 ވަނަ ދުވަހު އެ ޕާޓީއިން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުންފަދަ ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުގެ އިސްވެރިން ބުނަމުންދާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ލޯކަލް ކައުންސިލް އިންތިހާބަށް މަދު ދުވަސްކޮޅަކަށްވެފައިވާއިރު އެ ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައިނުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްފައިނުވާ ކަމަށް ވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.
އެެމްޑީޕީއިން ބުނީ ސަރުކާރުން ގެންނަން އުޅޭ ބަދަލުތައް ނޭނގުމުގެ ސަބަބުން އެ ޕާޓީއިން އަދި އެހެނިހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ގަސްތުކުރާ ފަރާތްތަކަށްވެސް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި ސިޓީތަކުގައި އެކުލެވޭ ދާއިރާތައް ކަނޑައަޅައިފައި ނުވާތީ ޕްރައިމަރީ ބާއްވާފަހުން އަންނަ ބަދަލާއެކު އަލުން ޕްރައިމަރީ ބާއްވަންޖެހިދާނެ ހާލަތު ދިމާވުންފަދަ ގޮންޖެހުންތައް ކުރިމަތިވެދާނެކަން އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީގެ މި ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނާ ހިއްސާކުރުމުން ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރާވަމުންދާ ބަދަލުތަކަކީ ކޮބައިކަން އެ ކޮމިޝަނަށް އަންގައިފައިނުވާ ކަމަށް ވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ. އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލާމެދު އީސީގެ އެއްވެސް މަޝްވަރާއެއް ހޯދައިފައި ނުވާކަމަށް އެ ކޮމިޝަނާ ހަވާލާދީ އެމްޑީޕީއިން ބުނެފައިވެއެވެ.
އެމްޑީޕީއިން ބުނީ މިއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން އިންތިހާބީ ދާއިރާތަކާއި ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި އަދި ކެންޑިޑޭޓުންގެ ޝަރުތުތައް ފަދަ ލާމަރުކަޒީ ނިޒާމުގެ އަސާސީ ސިފަތަކާއި އުސޫލުތަކަށް އެންމެ ފަހު ވަގުތު ބަދަލު ގެނެސް އިންތިހާބަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ރާވައިފައިވާ ކަމަށެވެ.
އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަނަމަ، އެކަން އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކަށް ދުލާރައި އެންގުމަށާއި އެކަން ރައްޔިތުންނަށް ހާމަކުރުމަށް އެމްޑީޕީއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
