މީޑިއާ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ސަރުކާރުން މާލީ އެހީދިނުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާޓްސް އާ ދެމެދު، މިއަދު ސޮއިކޮށްފިއެވެ.
އެމްއެންޔޫގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާޓްސް އިބްރާހިމް ވަހީދުއެވެ. އަދި ނެޝަނަލް ޔުނިވާސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒު އާދަމްއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ފަހުނާމާގެ ސަބަބުން މިނިސްޓްރީ އާއި ޔުނިވާސިޓީގެ މަސައްކަތްތަކަށް އައު ހަލުވި ކަމެއް ލިބި ގައުމީ ތަރައްގީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. މި ފަހުނާމާގެ ދަށުން ޔުނިވާސިޓީން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ތެރޭގައި މިނިސްޓްރީން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ޔުނިވާސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުން ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ކޮލެޖު އޮފް ޓްރެއިނިން ސެޝަން ހިންގުމަށާ، ޕްރޮގްރާމްތަކަށް ގާބިލް ފެސިލިޓޭޓަރުން ނެގުމަށް އެހީތެރިވެދިނުން ވެސް ހިމެނޭކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިނިސްޓްރީން ފޯރުކޮށްދޭނެ އެހީތެރިކަމުގެ ތެރޭގައި ޔުނިވާސިޓީގެ ޕްރޮގްރާމްތަކަށް ބައިވެރިން ހޯދުމުގައި އެހީތެރިވުމާއި މީޑިއާ އާއި ގުޅުންހުރި ޕްރޮގްރާމްތަކުގެ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ބައިވެރިވުން ހިމެނޭކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.. އެހެންކަމުން މިއަދު ސޮއިކުރެވުނު ފަހުމުނާމާ އަކީ ޒުވާނުންނަށް ފަންނުވެރިކަމާއި މީޑިއާގެ ދާއިރާއިން އުގެނުމުގެ ފުރިހަމަ ފުރުސަތުތަކެއް ފަހިކޮށްދޭނެ އެއްބަސްވުމެއްކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ފަހުނާމާގެ ދަށުން ދެފަރާތަށްވެސް ފައިދާ ހުރި ދެމެހެއްޓެނިވި އަދި ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
