ދިވެހިރާއްޖޭގައި އުފެއްދުންތެރިންނާ، ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމާއި ގުޅޭ ނިޒާމެއް ގާއިމު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޓްރޭޑްމާކް ބިލު ފާސްކޮށްފިއެވެ.
މިބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޓްރޭޑްމާކްއަކީ އެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތައްއަނެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތަކާއި ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ނިޝާނެކެވެ. ރެޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާއި ގުޅިގެން ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ހައްގުތަކުގެ ދާއިރާތައް ބަޔާންކޮށް ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
އިގްތިސާދީ ކޮމިޓީން މި ބިލު ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ކުދިކުދި އިސްލާހުތަކާ އެކުއެވެ. ކޮމިޓީ މަރުހަލާގައި ބިލަށް ގެނެސްފައިވާ މައިގަނޑު އިސްލާހަކީ ޓްރޭޑްމާކެއްގެ މުއްދަތު ހަމަވާތާ ހަ މަސްދުވަސް ތެރޭ ޓްރޭޑްމާކުގެ މުއްދަތު އިތުރުކުރަން ހުށަހެޅިދާނެ ކަމަށެވެ. އަދި ގަވާއިދާ އެއްގޮތަށް މުއްދަތު އިތުރުކުރަން ހުށަހަޅައިފި ނަމަ 10 އަހަރަށް އެ މާކެއްގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ހިމަނާފައިވެއެވެ.
މި އިސްލާހުތަކާ އެކު މަޖިލީހުގެ ތަޅުމުން މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ތާއީދާ އެކުއެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
