ސަރުކާރުން ބޭނުންވަނީ ޕްރައިވެޓް ކުންފުނިތަކާ ގިނަ މަޝްރޫއުތައް ހަވާލުކޮށް، އާންމު ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތައް ޕްރައިވެޓް ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ދިވެހި ރައްޔިތުންގެ އަމިއްލަ ކުންފުނިތަކާ އެންމެ ގިނަ މަޝްރޫއުތައް ހަވާލުކުރެވުނު ތާރީހީ ދުވަހެއް ކަމަށެވެ.
މިއީ ރާއްޖޭގެ އިގްތިސާދު ރަނގަޅު މިސްރާބަކަށްދާ ކަމުގެ ހެއްކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި މަޝްރޫއުތައް ހަވާލުކުރެވުނީ ޑިފޯލްޓްކުރުމަށް ޑިޒައިންކޮށްފައި އޮތް އިގްތިސާދެއް ނަގައި ކޮޅަށް ޖަހައި، ކުންފުނިތަކުގެ އިތުބާރު ސަރުކާރާ، އިގްތިސާދަށް ލިބިގެން ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޕްރައިވެޓް ސެކްޓަރގެ 153 ކުންފުންޏަކާ އެކި ދާއިރާތަކުން މަޝްރޫއުތައް ހަވާލު ކުރެވިފައިވާއިރު މީގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖެގެ ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރައި، އިގްތިސާދު ކުރިއެރުން ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް އަމިއްލަ ކުންފުނިތަކާ އެކި މަޝްރޫއުތައް ހަވާލުކޮށް، ރާއްޖޭގެ އާންމު ފަރުދުން މުއްސަނދި ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މިއަދު ރާއްޖޭގެ އަމިއްލަ ކުންފުުނިތަކާ އެކު 206 މަޝްރޫއެއްގައި ސޮއިކޮށްފައިވާއިރު މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ވަރަކަށް ދުވަހުގެ ތެރޭގައި ފަށަން ޖެހެއެވެ.
