ފުވައްމުލަކާއި އައްޑު އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި، ފުވައްމުލަކާއި އައްޑޫ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާ، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރަައްވާނެ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި 1 އަހަރާ 11 މަސްދުވަހުގެ ތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރެކޯޑުވެސް ހައްދަވާފައެވެ. އެގޮތުން މި މުއްދަތުގައި ރައީސް މުއިއްޒު 63 ރަށަކަށް 2 ފަހަރަށްވެސް ޒިޔާރަތްކުރައްވާފައިވާކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ މިކަމުން ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހާމަވެގެން ދާކަމަށެވެ.

ރައީސް އޮފީހުން ބުނީ މި ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ހިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތް ކަމަށާއި، ނަމަވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްވެ ތިބޭ ފުލުހުންގެ ހިދުމަތް ދެވެން ފެށީވެސް މި ދަތުރުފުޅުތަކުގެ ތެރެއިން ކަމަށެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ މިމަހު ނިމޭނެކަންވެސް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.