ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދުންފަތާ ދެކޮޅަށް ކުރިއަށްގެންދިޔަ 'ނެޝަނަލް ޓޯޗް ރަން'ގައި އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ.
މިއީ ހެލްތު މިނިސްޓްރީ އަދި ސްޕޯޓްސް މިނިސްޓްރީން ގުޅިގެން އިއްޔެއާއި މިއަދު މާލޭ އެކުވެނި ޓްރެކްގައި ކުރިއަށްގެންދިޔަ ދުވުމެކެވެ. އެޗްޑީސީން ބުނީ މި ދުވުމަކީ ދުންފަތުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމާއެކު ދުޅަހެޔޮ އަދި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.
އެޗްޑީސީން ބުނީ ޖެނެރޭޝަނަލް ބޭން ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ދުންފަތާ ދެކޮޅަށް ހުއްޓުމެއްނެތި 24 ގަޑިއިރަށް ކުރިއަށްގެންދާ މި ދުވުމުގައި، އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރާއެކު މުޅި ކުންފުނީގެ 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާކަމަށެވެ. ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހަށް މިއަދު އަމަލުކުރަންފަށާފައިވާކަން ފާހަގަކޮށް އެޗްޑީސީން ބުނީ ސަރުކާރުން ކުރިއަށްގެންދާ މިފަދަ މުޖްތަމައުއަށް ފައިދާހުރި ކަންކަމުގައި އެޗްޑީސީގެ ޓީމުން އަބަދުވެސް ފުރިހަމަ އެއްބާރުލުންދޭނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މިއަދު އަމަލު ކުރަންފެށި ޖެނެރޭޝަނަލް ބޭން ގާނޫނުގައިވާ ގޮތުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ ހަމައެކަނި ލައިސަންސް އޮތް ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނުގައެވެ. އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިންތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ވާނެއެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުން މަނާކޮށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ.
އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެދުންފަތުގެ ބާވަތްތައް ގަންނަ މީހާއަކީ އުމުރު ހަމަވެފައިވާ މީހެއްކަން ކަށަވަރު ކުރުމަށް އެމީހެއްގެ އައިޑީކާޑު ވިއްކާ ފަރާތުން ބަލަންޖެހޭނެ ކަމަށް ވެއެވެ. އަދި ބިލުގައި ހުރި ކަންކަމާ ހިލާފަށް އަމަލު ކުރާ މީހަކު 1000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މިއަދު މި ގާނޫނަށް އަމަލު ކުރަން ފެށިއިރު ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރަމުންދާ ކުރާ މަސައްކަތުގައި ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން މަނާކޮށްފަ އެވެ.
