ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި ޖުމްލަ 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންނާއި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން ކަސްޓަމްސް މުވައްޒަފުން ވެސް ހިމެނެއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އާއްޓޭ 15 ދުވަހަށް ބަންދުކުރި އިރު މުއާޒް ބަންދުކޮށްފައި ވަނީ 5 ދުވަހަށެވެ. އަދި މުއާޒް ބަންދަށް ޖެހި 5 ދުވަސް މި މަހުގެ 20 ވަނަ ދުވަހަށް ހަމަވުމުން ކޯޓަށް ގެންދިއުމުން ވަނީ 10 ދުވަސް އިތުރު ކޮށްދީފައެވެ.

އަދި އޭގެ ފަހުން އާއްޓޭއާއި މުއާޒްގެ ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ކޯޓަށް ހާޒިރު ކުރުމުން ވަނީ އެ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ދެން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ވިޔަފާރިވެރިޔާ ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި)ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައެވެ.

މި މައްސަލައިގައި ދެން ހައްޔަރުކޮށްފައި ވަނީ:

  • ޒިވާރު އިސްމާއީލް (40އ)
  • ހަސަން އަބްދުއްރަހްމާން (52އ)
  • އަހުމަދު ޝަހީމް (42އ)
  • ހުސެއިން ސާމިހު (35އ)
  • އަހުމަދު ފިރުސާން (35އ)
  • އާދަމް ވަހީދު (54އ)

މީގެ ތެރެއިން ހަސަން އަބްދުއްރަހްމާން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. ތިލަފުށީގެ އެކިއެކި ސައިޓުތައް ބަލައިފާސްކުރުމަށް އޮކްޓޯބަރު 19، 2025 ވަނަ ދުވަހުގެ އޮޕަރޭޝަންގައި ފެނުނު ދެ ކޮންޓެއިނަރުގެ ބައިތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

2 ކޮންޓޭނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލަ އަކީ، މިދިޔަ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ، އެ 2 ކޮންޓޭނަރު ބަލަހައްޓާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ހަވާލު ކޮށްފައި ހުއްޓާ ވަގަށް ނެގި މައްސަލައެކެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު 09، 2025 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.