ރައްޔިތުންގެ މަޖިލިހުން ދާދި ފަހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ މެންބަރުންގެ މުސާރަތައް މިނިވަން މުއައްސަސާތަކުގެ މުސާރައާ އެއް އޮނިގަނޑަކަށް ހަމަޖައްސައިފިއެވެ.
އެގޮތުން އެމްއެމްބީސީ ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 40،000 ރުފިޔާގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާ އާއި ފޯނު އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާއާ އެކު އެކު ޖުމްލަ 59،000 ރުފިޔާ އެވެ. އެމްއެމްބީސީގެ ނައިބް ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ އަސާސީ މުސާރައިގެ ގޮތުގައި 39،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާގެ އިތުރުން ފޯނު އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާއާ އެކު އެކު ޖުމްލަ 55،000 ރުފިޔާއެވެ.
އެމްއެމްބީސީގައި ތިއްބަވާ އަނެއް ފަސް މެންބަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 33،000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 14،000 ރުފިޔާގެ އިތުރުން ފޯނު އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާއާ އެކު ޖުމްލަ 48،000 ރުފިޔާއެވެ.
ޖުމުލަ ހަތް މެންބަރުން ތިބޭ އާ މީޑިއާ ކޮމިޝަންގައި ތިބެނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކު ރި ތިން މެމްބަރަކާއި މީޑިއާތަކުން ހޮވި ހަތަރު މެންބަރެކެވެ.
އެ ކޮމިޝަނުގެ ރައީސަކަށް އައްޔަންކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެންބަރު މުހައްމަދު ފަރުޝަތެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ސަރުކާރުގެ އެކި ވަޒީފާތައް އަދާކުރައްވާފައެވެ. އަދި އެ ކޮމިޝަނުގެ ނައިބު ރައީސަކަށް އައްޔަންކޮށްފައި ވަނީ ވަނީ އިސްލާމިކް މިނިސްޓްރީ އަދި ފަހުން ބްރޯޑްކާސްޓިން ކޮމިޝަނުގައި މަސައްކަތް ކުރެއްވި ޒަމްއަތު އަހުމަދު ވަހީދެވެ.
