އެގްޒޮޓިކް އެންޓަޕްރައިސިސް ޕްރައިވެޓް ލިމިޓެޑްގެ ބޮންޑެޑް ވެއާހައުސްގެ ތެރޭގައި ހުރި ސިނގިރޭޓު ފޮށިތައް ގަވާއިދާ ހިލާފަށް ނެރުނު މައްސަލައިގައި 47 މިލިއަން ރުފިޔާ ދެއްކުމަށް އެގްޒޮޓިކް އެންޓަޕްރައިސިސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ ރާއްޖެ އެތެރެކުރި 180 ކޭސް ކެމަލް ޔެލޯ ސިނގިރޭޓު، 300 ކޭސް މެންޗެސްޓާ ޔުނައިޓެޑް ރޯޔަލް ރެޑް ފިލްޓާ ސިނގިރޭޓު އަދި 110 އެމެރިކަން ލެޖަންޑް ސިނގިރޭޓު އެގްޒޮޓިކްގެ ބޮންޑެޑް ވެއާހައުސްގެ ތެރޭގައި ހުރި ކަމަށެވެ.

އޭގެތެރެއިން 15 ކޭސް ކެމަލް ޔެލޯ ސިނގިރޭޓު ފިޔަވައި އިތުރު މުދަލެއް ވެއާހައުސްއިން ނެރެފައިވާކަން ކަސްޓަމްސްގެ އެއްވެސް ރެކޯޑުން ފެންނަން ނެތްކަން ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ދެން ހުރި ހުރިހާ ސިނގިރޭޓެއް ވެސް ގަވާއިދާ ހިލާފަށް (ޑިއުޓީ ދެއްކުމަކާ ނުލައި) ބޮންޑެޑް ވެއާހައުސްއިން ނެރެފައެވެ.

ކަސްޓަމްސްގެ އާންމު ގަވާއިދަށް ހަވާލާދީ ބޮންޑުން ނެރެފައިވާ ކަމަށް އެނގެން ނެތް މުދަލުގެ ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ 47،182،011.86 ދެއްކުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެ ފައިސާ ދައްކާފައިނުވާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

އެހެނަކްމުން ކަސްޓަމްސްއިން އެދިފައިވަނީ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ އެކީ އެއްފަހަރާ އެގްޒޮޓިކް އެންޓަޕްރައިސިސްގެ އަތުން ހޯދުމަށް އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކުރުމަށެވެ. ކަސްޓަމްސްއިން ހުށަހެޅި މި މައްސަލައަށް އެގްޒޮޓިކް އެންޓަޕްރައިސިސްއިން ރައްދު ދީފައިނުވާތީ އެ ފަރާތުގެ ޣައިރު ހާޒިރުގައި ހުކުމްކުރުމަށް ޝަރުތު ފުރިހަމަވާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ކަސްޓަމްސްއިން ހޯދުމަށް އެދިފައިވާ 47،182،011.86 ރުފިޔާއަކީ ދައްކަން ޖެހޭ ފައިސާކަމަށް ކަނޑައަޅައި 14 ދުވަސް ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ނިންމުމަށް އެގްޒޮޓިކް އެންޓަޕްރައިސިސްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ވަނީ އިއްޔެ ހުކުމްކޮށްފައެވެ.