މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ "ދާރުލްއަރުގަމް" ވަގުފް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އާރުސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް 39،462،545.08 ރުފިޔާއަށެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫއެކެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ 12 ބުރިއަށް އިމާރާތް ކުރާ ދާރުލްއަރުގަމް ވަގުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ އިމާރާތެއް ކަމަށެވެ. އެ އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް އަދި ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެ ކަމަށާއި އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ގާއިމްކުރަން ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި މީޓިން ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު، އިމާރާތުގެ ރޫފްޓޮޕް ގާއިމްކުރަނީ އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ. އަދި އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ގާއިމް ކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި މަޝްރޫއު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން އިސްލާމިކް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި އިމާރާތުން އަހަރަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އެ މިނިސްޓްރީއިން ލަފާކުރެއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ އެ އިމާރާތުން އާމްދަނީގެ ގޮތުގައި ލިބޭ 20 ޕަސެންޓް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އާމްދަނީގެ 80 ޕަސެންޓް އިސްލާމިކް ވަގުފް ފަންޑަށް ޖަމާކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ދާރުލްއަރުގަމްގެ އިތުރުން ހުޅުމާލޭގައި ވަގުފް އިމާރާތަކާއި މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންނާމފައެވެ. މީގެއިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައި ވަގުފް މަޝްރޫއު ފެށުމަށް ވެސް ނިންމާފައިވެއެވެ.