ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަަލައިގައި ހައްޔަރު ކުރި މަޝްހޫރު ވިޔަފާރިވެރިޔާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މިދިޔަ އޭޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް، އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ މި މަހުގެ 9 ވަނަ ދުވަހު ވަނީ ވަގަށް ނަގާފައެވެ.
މި މައްސަލައިގައި ސިނގިރޭޓް ވައްކަން ކުރުމަށް ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 65 އަހަރުގެ ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އޭނާގެ ބަންދަށް ޖެހި 10 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން އިއްޔެ ވަނީ އިތުރު ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 42 އަހަރުގެ އަހްމަދު ޝަހީމް، ނޫރަލީގެ، ހދ. ވައިކަރަދޫ އާއި އުމުރުން 35 އަހަރުގެ ހުސައިން ސާމިހު، ޗާނދަނީގެ، ސ. ހިތަދޫ އާއި އުމުރުން 35 އަހަރުގެ އަހްމަދު ފިރުސާން، ހ. ރުމޭނިޔާ، މާލެ އެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަހްމަދު ޝަހީމާއި ހުސައިން ސާމިހު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަހްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ހައްޔަރު ކޮށް ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. މި މައްސަލާގައި ދިގަލީގެ އިތުރުން ހިމެނޭ މަޝްހޫރު ވިޔަފާރިވެރިޔަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. ސިނގިރޭޓް ވައްކަމަށް ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ އާއްޓޭ 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ މި މަހުގެ 15 ވަނަ ދުވަހު އަމުރުކޮށްފައެވެ.
ހަމައެއާއެކު ކަސްޓަމްގެ އިސް މުވައްޒަފެއްގެ ގޮތުގައި އެމްޕީއެލް ޕޯޓުގައި މަސައްކަތް ކުރަމުން އައި ޒިވާރު އިސްމާއިލް ބަންދުކޮށް އޭނާއަށް ވެސް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި ކަސްޓަމްގެ ސީނިއާ ސުޕްރިންޑެންޓެއް ކަމަށް ވާ މުއާޒް އަލީއަށް ވެސް ވަނީ 15 ދުވަހުގެ ބަންދެއް ޖަހާފައެވެ. މީގެ އިތުރުން މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ވަނީ އުމުރުން 52 އަހަރުގެ ހަސަން އަބްދުއްރަހްމާން، ލިންކް، ކ. ތުލުސްދޫ ހައްޔަރު ކޮށްފައެވެ. އޭނާ ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. އޭގެ ފަހުން އެ ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކައްޕި އާދަމް ވަހީދު ވެސް ވަނީ ހައްޔަރުކޮށް 7 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައެވެ.
