އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުގެނައުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ހާހަކަށްވުރެ ގިނަ މީހުން މިހާތަނަށް ވޯޓު ލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިއަދުގެ 11:00 އާ ހަމައަށް ޖުމުލަ 1189 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ 534 އަންހެނުން އަދި 655 ފިރިހެނުން ކަމަށް އީސީން ވަނީ ބުނެފައެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މިހާތަނަށް 8387 މީހުން ވޯޓު ނުލާކަމަށްވެސް އީސީން ވަނީ ބުނެފައެވެ. އެއީ 87.58 އިންސައްތަ މީހުންނެވެ.
މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ފޭދޫ، ހުޅުދޫ، މީދޫ އަދި މާލޭގައި ޖުމުލަ 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ ފޭދޫގައި 5 ވޯޓު ފޮށި، ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ.
މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މިވޯޓަކީ އައްޑޫ ސިޓީ، ފޭދޫ، ހުޅުދޫއާއި މީދޫގެ ރައްޔިތުންގެ މެދުގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ 3 ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމަށް ނަގާ ވޯޓެކެވެ.
މި ވޯޓުގައި، ރީ-ރަޖިސްޓްރީވާން ހުޅުވާލި މުއްދަތުގެ ތެރޭގައި 255 މީހަކު އެކަމަށް އެދި ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެފައިވެއެވެ. ޒާހިދު ވިދާޅުވީ މިވޯޓުގައި މޮނިޓަރުންގެ ގޮތުގައި 78 ފަރާތެއް އަދި އޮބްޒާވަރުންގެ ގޮތުގައި 57 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
