ނޮވެންބަރު 2 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ނަސްރުގެ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު ނަސްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.

އެހެންކަމުން އޮކްޓޯބަރު 31 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 3 ވަނަ ދުވަހާ ހަމައަށް 4 ދުވަހަށް ސަރުކާރު ބަންދުވާނެއެވެ.

މިއަހަރު މި ފާހަގަ ކުރަނީ ރާއްޖޭގެ 37 ވަނަ ނަސްރުގެ ދުވަހެވެ. ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަކީ ލާޒިމް ކަމެއް ކަމަށް ރައީސް މުއިއްޒު އެކި ޕޯޑިއަމްތަކުގައި ކުރިން ވިދާޅުވެފައި ވާ އިރު މިދިޔަ އަހަރު އެކަން ވަނީ ސާބިތުވެސް ކޮށް ދީފައެވެ. މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައި ގައުމަށްޓަކައި ޝަހީދުވި މަތިވެރި ގުރުބާނީގެ ހަނދާންތަކާއި އެކު އެ ފަރާތްތަކުގެ އަގުވަޒަންކޮށްފައި ވެއެވެ.