އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެ ކުރި 40 ފޫޓުގެ 2 ކޮންޓޭނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލަގައި ރޭ ހައްޔަރުކުރި މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ރޭ ހައްޔަރުކޮށްފައިވަނީ ލިންކް / ކ.ތުލުސްދޫ އުމުރުން 52 އަހަރުގެ ހަސަން އަބްދުއްރަހްމާން ކަމަށެވެ.
ހަސަން އަބްދުއްރަހްމާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ތަހުގީގުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. ތިލަފުށީގެ އެކިއެކި ސައިޓުތައް ބަލައިފާސްކުރުމަށް އޮކްޓޯބަރު 19، 2025 ވަނަ ދުވަހުގެ އޮޕަރޭޝަންގައި އެ 2 ކޮންޓޭނަރުގެ ބައިތައް ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
2 ކޮންޓޭނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލަ އަކީ، މިދިޔަ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ، އެ 2 ކޮންޓޭނަރު ބަލަހައްޓާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ހަވާލު ކޮށްފައި ހުއްޓާ ވަގަށް ނެގި މައްސަލައެކެވެ.
ފުލުހުން ބުނެފައިވަނީ އެ 2 ކޮންޓޭނަރު ވަގަށް ނެގި މައްސަލަ އޮކްޓޯބަރު 09، 2025 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށާއި އެ ހިސާބުން މައްސަލައިގެ ތަހުގީގު ފެށި ކަމަށެވެ.
މި މައްސަލައިގައި ހަސަން އަބްދުއްރަހްމާންގެ އިތުރުން 4 މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)، ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް އަދި މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރު، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއްކަމުގައި ޒިވާރު އިސްމާއީލްއެވެ.