މަރުކަޒީ ބޭންކް، އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަ މައްސަލައިގައި ހިތްހަމަ ނުޖެހި އެ ބޯޑުގައި އިންނަވާ އަހުމަދު ސަރުވަޝް އާދަމް ބޯޑުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ހާމަކޮށް ސަރުވަޝް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެމްއެމްއޭން ފައިނޭންސް ކުރާ ބޮންޑް ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން ޕެންޝަން ބޯޑުން އިސްތިއުފާ ދީފައިވާކަމަށެވެ.

މީގެ އިތުރުން ސަރުވަޝް ވިދާޅުވީ އެ ބޮންޑް ގަތުމުގެ މުއާމަލާތަކީ ގާނޫނީ އަދި އިގްތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން މަގާމުން އިސްތިއުފާ ދެއްވީ ތެދުވެރިކަމާ، ނަޒާހަތްތެރިކަން އަދި މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕެންޝަން ފަންޑުން މިހާރު ގަނެފައިވާ ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭން ސެކަންޑްރީ ބާޒާރުގައި ގަނެ ފަސް އަހަރު ދުވަހުގެ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރުމަށް އެމްއެމްއޭއިން ހުށަހަޅާފައިވާއިރު މި ބޮންޑު ގަންނަން، އެމްއެމްއޭން ދައްކާ ފައިސާއިން 2.4 ބިލިއަން ރުފިޔާގެ ސަރުކާރުގެ އާ ބޮންޑެއް ގަންނަން ޕެންޝަން ފަންޑުން އިންވެސްޓްކުރަން ޖެހެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިކަން ކުރަނީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ނުދެއްކި ގިނަ ދުވަސްވެފައި ހުރި ބިލްތައް ދައްކާ ހަލާސްކުރުމަށް ކަމަށެވެ.