ޔޫކްރައިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރައްވާ އުއްމީދަށް މަޑުޖެހުމެއް އަތުވެއްޖެއެވެ.

ހުސްވި އޮގަސްޓް މަހު އެމެރިކާގެ އަލަސްކާގައި ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑީމިއާ ޕުޓިން ބޭއްވެވި ބައްދަލުވުމަށް ފަހު، ޔޫކްރައިން ހަނގުރާމަ ނިމުމަކަށް ގެނެވިދާނެ ކަމުގެ އުއްމީދުތަކެއް ޓްރަމްޕް ދެއްވިއެވެ. ކާމިޔާބު މަޝްވަރާތަކެއް ކަމަށާއި ހަނގުރާމަ ހުއްޓާލަން ޕުޓިންވެސް ބޭނުންފުޅުވާކަމަށް ޓްރަމްޕް އޭރު ވިދާޅުވިއެވެ.

އޭގެ ފަހުން ޔޫކްރައިންގެ ރައީސް ވައިޓްހައުސް އަށް ގެންދަވާ އެރޮނގުން މަޝްވަރާތައް ކުރެއްވުމަށް ފަހު ރައީސް ވްލަޑިމިއާ ޒެލެންސްކީވެސް ހުންނެވީ ހަނގުރާމަ ހުއްޓާލައްވަން ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް ހަނގުރާމަ ނުހުއްޓި ކުރިއަށް ދާއިރު، ޓްރަމްޕް ގެންދެވީ، ރަޝިއާ އަށް ދަތިރކުރުމުގެ ފިޔަވަޅުތައް އަޅުއްވައި، ޔޫކްރައިން އަށް އެމެރިކާގެ ވަރުގަދަ ޓޮމޮހޮކް މިސައިލް ދެއްވަން ވިސްނަވާ ކަމަށް ވިދާޅުވެ ރަޝިއާއަށް މެސެޖްތައް ދެއްވަމުންނެވެ. އަދި ޔޫރަޕްގެ އެހީއާއެކު ޔޫކްރައިން އަށް ރަޝިއާގެ މައްޗަށް ކުރި ހޯދާ ހަނގުރާމަ ކާމިޔާބު ކުރެއްވޭނެ ކަމަށް ވެސް ވިދާޅުވަމުން ގެންދެވިއެވެ.

އެ ވާހަކަތަކުގެ ތެރެއިން، އިތުރު މަޝްވަރާއަށް ޕުޓިން އާއެކު ހަންގޭރީގެ ބުޑަޕެސްޓަށް ވަޑައިގަތުމަށް ނިންމަވައި ޓްރަމްޕް އެކަން އިއުލާން ކުރައްވާފައި ވާއިރު ރަޝިއާއިން ވެސް ގެންދަނީ ބުޑަޕެސްޓުގެ މަޝްވަރާއަށް ތައްޔާރުވަމުންނެވެ.

ނަމަވެސް މިއަދު ވައިޓްހައުސް އިން ބުނެފައިވަނީ ބުޑަޕެސްޓް ބައްދަލުވުމުން ޓްރަމްޕް އެދިވަޑައިގަންނަވާ ނަތީޖާ ނިކުމެދާނެކަމަށް އުއްމީދު ނުކުރެވޭތީ، އެ ބައްދަލުވުން މަޑުޖައްސާލަން ނިންމާކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯވް ވިދާޅުވީ، ރަޝިއާއިން ބޭނުންވަނީ ވަގުތީ ހައްލެއް ނޫން ކަމަށާއި ދިގު މުއްދަތުގެ ހައްލެއް ކަމަށެވެ.

ޔޫކްރައިންގެ ހަނގުރާމައިގައި ރަޝިއާއިން ޔޫކްރައިންގެ ބިމުގެ 5 ޕަސެންޓް ހިފާފައި ވާއިރު، ރަޝިއާއިން ބުނަމުން ދަނީ ސުލްހައަށް އެއްބަސްވެވޭނީ އެ ބިންތައް ދޫކޮށްލަން ޔޫކްރައިން އިން އެއްބަސްވުމުން ކަމަށެވެ. ނަމަވެސް ޔޫކްރައިން އިން ބުނަމުން ދަނީ، ބިމުގެ އެންމެ އިންޗިއެއްވެސް ރަޝިއާއަށް ދޫކޮށްލަން އެއްބަސް ނުވާނެ ކަމަށާއި އެއީ މަޝްވަރާއަށް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.

ރަޝިއާއަކީ، އަސްކަރީ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އެއްބާރު ކަމުގައި ވުމުގެ އިތުރުން ނިއުކްލިއާ ހަތިޔާރުގައި ވެސް އެމެރިކާއާ އެއްސަފުގައި އޮތް ގައުމެކެވެ.

އެމެރިކާ ބޭނުން ވިޔަސް އަދި ޔޫރަޕް ބޭނުންވިޔަސް ގަދަބާރުން ރަޝިއާ ހުއްޓުވުމަށް ފަސް ޖެހެނީ ރަޝިއާގެ އަސްކަރީ ބާރާމެދު އޮތް ޔަގީންކަން އެ ފަރާތްތަކަށް ބޮޑުކަމުންނެވެ.

ރަޝިއާ އާއި ޔޫކްރައިންގެ ހަނގުރާމައިގައި ދެފަރާތަށް ބޮޑެތި ގެއްލުންތައް ވަމުން ދާއިރު، އާންމުންނަށް ވުރެ ބޮޑަށް ގެއްލުން ވަމުން ދަނީ ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާ ސިފައިންނަށެވެ. އަސްކަރީ ހަބަރުތައް ގެނެސްދޭ މަސްދަރުތަކުން ބުނާގޮތުން، ދެފަރާތުން މަރުވި މީހުންގެ އަދަދު އެތައް ލައްކައަކަށް އަރައެވެ. ނަމަވެސް ސާފު އަދަދުތައް ނޭނގެނީ، ޔޫކްރައިން ވެސް އަދި ރަޝިއާ އިން ވެސް އެއަދަދުތައް ސިއްރު ކުރާތީއެވެ.

ހަނގުރާމައިގެ މަޝްރަހުގެ އެންމެ ފަހުގެ ހަބަރުތަކަށް ބަލާއިރު، ޔޫކްރައިން އިން ވަނީ، ރަޝިއާގެ ކޮންޓްރޯލްގައި އޮންނަ ލުހާންސްކް ސަރަހައްދުގައި ހުންނަ ކެމިކަލް ފެކްޓަރީއަކަށް ހަމަލާދީ އެތަން ގޮއްވާލާފައެވެ. އަދި ރަޝިއާއިން ޔޫކްރައިން އަށް ދެމުން ގެންދާ ހަމަލާތަކުގައި ބައެއް ސިޓީތަކުގެ ހަކަތައިގެ ވިއުގަ ހަލާކު ކޮށްލާފައި ވުމުން ކަރަންޓްގެ ހިދުމަތް ކެނޑި ސިޓީތައް ވަނީ ކަނުއަނދިރީގައެވެ.