މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުންގެ މަގާމަށް 3 ބޭފުޅަކު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް 10 ބޭފުޅުން ކުރިމަތިލެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ފާތިމަތު ފަހުމީ، މުހައްމަދު ފަރުސަތު، ސަފާ ޝަފީގު، އައިމިނަތު ސަރާހަތު އިއްޒަތު، އިބްރާހިމް މުހައްމަދު އެވެ. މީގެ އިތުރުން މޫސާ ރިލްވާން، މުހައްމަދު ފާރިސް ތޯހާ، ޝެހެނާޒް އަދްނާން، މުހައްމަދު ސާމިން، ޝަފީގާ ނައީމް ވެސް ވަނީ އެ މަގާމަށް ކުރިމަތިލައްވާފައެވެ.
ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ހޯމަދުވަހު މި ބޭފުޅުންނާ އިންޓަވިއު ކުރިއިރު، އެ ބޭފުޅުންގެ ތެެރެއިން ޝަފީގާ ނައީމާއި ފާރިސް ތޯހާގެ ނަން ވަނީ އަނބުރާ ގެންދަވާފައެވެ.
އެއަށްފަހު ބާކީ ތިއްބެވި ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު، 75 މާކްްސްއަށްވުރެ މަތީން ޕޮއިންޓް ލިިބުނު ތިން ބޭފުޅުން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްދިނުމަށް، މަޖިލިސް ތަޅުމަށް ކޮމިޓީން ހުށަހެޅި އެވެ. އަދި ކޮމިޓީން ހުށަހެޅިގޮތަށް މަޖިލީހުން މިއަދު ފާސްކުރީ އެންމެ ގިނަ ޕޮއިންޓް ލިބިވަޑައިގެންނެވި ތިން ބޭފުޅުން ކޮމިޝަނަށް އައްޔަން ކުރުމަށެވެ. އެއީ ފަރުސަތާއި ސަފާގެ އިތުރުން ސަހާރަތު އެވެ.
ވޯޓުގައި ބައިވެރިިވި 63 މެންބަރުންގެ ތެރެއިން 54 މެންބަރަކު ފަރުސަތާއި ސަފާއާއި ސަރާހަތު، އާ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުދެއްވިއިރު، ތިން ބޭފުޅުން އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ 9 މެންބަރެކެވެ.
7 މެންބަރުންގެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
އެގޮތުގެ މަތިން މިދިޔަ ހަފުތާ ވަނީ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ފަރާތުން މެންބަރުން އައްޔަންކޮށްފައެވެ. ބްރޯޑްކާސްޓަރުންގެ ފަރާތުން އައްޔަންކުރީ ސިމާހާ ނަސީމާއިޘަގީފް އިހުސާންގެ އިތުރުން، ޒަމްއަތު އަހްމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހީމެވެ.