އދ. އެއްލައިދޫ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ލަންކާ މީހެއްގެ ގައިގައި ކަތިވަޅިއަކުން ޖަހައި މަރާލި މައްސަލައިގައި ދައުވާ ކުރި ލަންކާ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ބިސްގަނޑެން އަޅައިދޭން ބުނުމުން ހިނގި ދެބަސްވުމެއް، މާރާމާރީއަކަށް ބަދަލުވެގެން ގޮސް ވަޅިއަކުން ހަމަލާދީ އެ ރިސޯޓްގެ ޝެފަކަށް އުޅުނު ލަންކާ ރައްޔިތެއް ކަމަށްވާ ޕަތުމް ދިލްޝަން މަރާލި މައްސަލައިގައި ދައުވާކޮށްފައިވަނީ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. 2019 ވަނަ އަހަރު ހިނގި މި ހާދިސާއާއި ގުޅިގެން ދައުލަތުން ދައުވާކުރި ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ޖުލައި މަހުގައެވެ. އެ މައްސަލަ މި ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކާއިރު އެ މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމައެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ ޖަޔަލަތު ފަހުން ކުށަށް އިންކާރު ކޮށްފައިވާއިރު، އޭނާ ކުރިން ބަންދު މުއްދަތު މަޖިލީހުގައި، ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް އެއީ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ނަފްސުގެ ދިފާއުގައި ދިން ހަމަލާއެއް ކަމަށް ބުނެފައިވާ ކަމަށެވެ. ރިސޯޓެއްގައި ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިވެރިންތައް ރާއްޖެއިން ބޭރުގައި ތިބި ތަނެއް ނޭނގޭތީ އެ މީހުންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ބަންދު މުއްދަތު މަޖިލީހުގައި އޭނާ ވާހަކަ ދެއްކީ ވެސް ވަކީލެއްގެ އެހީ ނުލިބިކަމަށެވެ. އަދި އިއުތިރާފްގެ ނަތީޖާ އޭނާއަށް ދީފައި ނުވާކަމަށް ބުނެ އެ ބަޔާނަށް އެކަނި ރިއާޔަތްކޮށް، ކުށް ސާބިތު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެއެވެ.