އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތް ބަދަލުކޮށް، ހުޅުދޫ މީދޫ އަދި ފޭދޫގެ ވަކި ކައުންސިލްތަކެއް އުފައްދައިފިނަމަ ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓު ވަކިން ކޮންމެ ކައުންސިލަކަށް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެމަނިކުފާނު މިހާރު ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހިޔާލު ހޯދުމަށް ނަގާ މި ވޯޓަކީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ތިން ރަށުގެ ރައްޔިތުންގެ ފަރާތުން ވަކި ކައުންސިލުތައް ހެދުމުގެ މައްސަލައިގައި ހައްލެއް ހޯއްދައިދިނުމަށް އެދިފައި އޮތުމުން އެކަން ހައްލުކުރުމަށް ގާނޫނީ ނިޒާމުގެ ތެރެއިން ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމަށެވެ. އަދި އެ ތިން ރަށުގެ ރައްޔިތުން ނިންމާ ކޮންމެ ގޮތަކީ ސަރުކާރުގެ ނިންމުން ކަމަށާއި މިކަމުގައި ސަރުކާރުގެ ވަކި "ސްޓޭންޑެއް" (ހާސިލުކުރައްވަން ބޭނުންވާ ވަކި ނަތީޖާއެއް) ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަކި ކައުންސިލްތަކެއް ހަދަން ނިންމައިފިނަމަ ވަކި ކައުންސިލުގެ ހުރިހާ ހައިސިއްޔަތެއް އެކައުންސިލުތަކަށް ލިބޭނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ކައުންސިލްތަކަށް ގެންނަ ބަދަލާއެކު މިހާރު މުޅި ސިޓީ ކައުންސިލަށް އޮންނަ އެއް ބަޖެޓްގެ ބަދަލުގައި ހުޅުދޫ، މީދޫ އަދި ފޭދޫ ކައުންސިލަށް ވަކި ބަޖެޓު ލިބޭނެކަން ވެސް ރައީސް ފާހަގަކުރެއްވެވިއެވެ.

އެގޮތުން މިހާރު އާބާދީއާއި އެހެނިހެން ގޮތްގޮތުން ބަލާއިރު ބްލޮކް ގްރާންޓް ދޫކުރުމަށް ނިންމަވާފައިވާ ގޮތުން ފޭދޫ ކައުންސިލަށް އަހަރަކު ބްލޮކް ގްރާންޓްގެ ގޮތުގައި 25 ވަރަކަށް މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް ގާތްގަނޑަކަށް 13 ނުވަތަ 14 މިލިއަން އަދި މީދޫ ކައުންސިލަށް ބްލޮކް ގްރާންޓްގެ ގޮތުގައި ގާތްގަޑަކަށް 18 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމުވޯޓު ނެގުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.