ލ. ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ އެއާޕޯޓަކާ އެއް ފެންވަރަށް ތަރައްގީ ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލު ކޮށްފިއެވެ.
އެމްއޭސީއެލްއަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޮނަދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި ސޮއި ކޮށްފައިވާ އިރު، ކައްދޫ އެއާޕޯޓު، އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އޮޕަރޭޓް ކުރުމާއި ލ. ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
އެގޮތުން މި މަޝްރޫއުތައް ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައްދޫ އެއާޕޯޓު ތަރައްގީ ކުރަނީ 2،800 މީޓަރުގެ ދިގު ރަންވޭއަކާ އެކުގައި ކަމަށެވެ. އެ މަސައްކަތްތައް ކުރަނީ ކައްދޫ ސިފައިންގެ މަރުކަޒު، އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭ ގޮތަކަށް ކަމަށާއި އެއާޕޯޓު ބޮޑުކުރުމާ އެކު، ފޮނަދު އަށް ވެސް ބިން އިތުރު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެެ. އެއާޕޯޓު މަޝްރޫއު އަށް 114 ހެކްޓަރުގެ ބިން އަދި ފޮނަދޫގެ ބޭނުމަށް 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ކައްދޫ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ. އެގޮތުން މިއީ މުޅި އަތޮޅަށް ފަތުރުވެރިކަން ފުޅާ ކުރުމަށް މުހިއްމު މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.